އިޖުރާއީ މައްސަލައާ މެދު ހައި ކޯޓުން ގޮތެއް ނިންމަންދެން ދަށު ކޯޓުން އުމަރުގެ މައްސަލަ މަޑުޖައްސާލައިފި

ޑީއާރުޕީގެ ކުރީގެ ނާއިބު ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކުރި މައްސަލަ ޕާޓީ ތެރެއިން ހައްލުކުރަން މަސައްކަތް ނުކޮށް ކޯޓަށް ހުށަނޭޅޭނެ ކަމަށް ޑީއާރުޕީން ބުނެފައި ވަނިކޮށް، އެ މައްސަލަ ކޯޓުގައި ބެލޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކޮށްދެއްވުމަށް ހައި ކޯޓަށް ހުށަހަޅާފައިވުމުން އެ މައްސަލަ ބެލުން މިއަދު މަޑުޖައްސާލައިފި އެވެ.
އުމަރު ޑީއާރުޕީން ވަކިކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ބުނެ ކޯޓަށް ހުށަހަޅާފައިވާ ދައުވާއާ ގުޅިގެން އެ މައްސަލަ ކޯޓުގައި ނުބެލޭނެ ކަމަށާއި އުމަރު ވަކިކުރި މައްސަލަ އެންމެ ފުރަތަމަ ޕާޓީގެ ތެރެއިން ހައްލުކުރަން އުޅުމަށް ފަހު، ހައްލުނުވެއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހެޅުމަށް އޭނާގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޑީއާރުޕީގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސުނުއް ސުއޫދު ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ މައްސަލަ ކޯޓުގައި ބެލޭނެ ކަމަށް ގާޒީ ވަނީ ނިންމަވައިފަ އެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ޝަރީއަތް ފެއްޓެވުމަށް ފަހު ވިދާޅުވީ އުމަރުގެ މައްސަލަ ބެލޭނެ ކަމަށް ދަށު ކޯޓުން ނިންމުމާ ގުޅިގެން އެ ނިންމުން އިސްތިއުނާފްކޮށް ދެއްވުމަށް އެދި ޑީއާރުޕީން ހައި ކޯޓަށް ހުށަހަޅާފައިވާ ކަން މިއަދު މެންދުރު ފަހު ސިވިލް ކޯޓަށް އަންގާފައިވާ ކަމަށެވެ.
މައްސަލަ މަޑުޖައްސާލަން ޖެހޭ ކަމަށް ނިންމައި ގާޒީ އަލީ ރަޝީދު ވިދާޅުވީ އަދުލު އިންސާފު ލިބުމަށް ހުރަސް އެޅިދާނެތީ އިސްތިއުނާފު ކުރެވޭ މައްސަލަތައް ނިމެންދެން ދަށު ކޯޓުގައި ހިންގަމުންދާ އެ މައްސަލައެއްގެ ޝަރީއަތް ހުއްޓާލުމަށް ސްޕްރީމް ކޯޓުން ރޫލިންއެއް ނެރެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ