ރާއްޖޭގައި އުމުރުން 10 އަހަރާއި 11 އަހަރުގެ ކުދިން ވެސް ލޯބިވެރިން ހޯދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކޮށްފައިވާ ދިރާސާ އަކުން ދައްކައިފިއެވެ.
"ސެކްޝުއަލް އެންޑް ރީޕްރޮޑަކްޓިވް ހެލްތް އެޑިއުކޭޝަން" ނަމުގައި އެޗްއާރްސީއެމް އިން ނެރެފައިވާ މިރިޕޯޓް ތައްޔާރުކޮށްފައި ވަނީ ދަަރިވަރުންނާއި ޒުވާނުންނާއި ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ މީހުންނާއި ސިއްހީ ދާއިރާގެ މީހުން ހިމެނޭ ގޮތައް 858 މީހުން ބައިވެރިކޮށްގެންނެވެ.
އެޗްއާރްސީއެމް އިން ބުނެފައި ވަނީ މިރިޕޯޓަށް މައުލޫމާތު ހޯދީ 473 އަންހެނުންނާއި 385 ފިރިހެނުން ބައިވެރިކޮށްގެން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 402 ދަރިވަރުންނާއި 128 ޒުވާނުންނާއި 137 ބެލެނިވެރިންނާއި އެޑިއުލޭޝަން ދާއިރާގައި މަސައްކަތް ކުރާ 118 މީހުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 73 މީހުންނެވެ.
ރިޕޯޓްގައި ބުނެފައި ވަނީ އާއްމުގޮތެއްގައި ފުރާވަރުގެ އުމުރުގެ ތެރޭގައި ކުދިން ގައިގޯޅިވެ، ޖިސްމާނީ ގުޅުން ހިންގާ ކަމަށް ދިރާސާގައި ބައިވެރިވި ފަރާތްތަކުން އެއްބަސްވެފައިވާ ކަމަށެވެ.
ނަމަވެސް ދިރާސާއިން ދައްކާ ގޮތުން އާއްމު ގޮތެއްގައި ކުދިން ފުރާވަރު އުމުރުގައި ބައިވެރިއަކު އިހްތިޔާރު ކުރުމަށް މައިންބަފައިން ހިތްހަމައެއް ނުޖެހެއެވެ. މިފަދަ ކުދިން މި އުމުރުގައި ލޯބިވެރިން ގެންގުޅެނީ ސިއްރުން ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ފުރާވަރު އުމުރުގެ ކުދިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މަންޒަރު އާއްމުކޮށް މަގުތަކުން ނުފެންނަ ކަމަށާއި އެމީހުން ބައްދަލުކޮށް ހަދަނީ ރަށްރަށުގައި އެކަހެރި ތަންތަނުގައި ކަމަށް ރިޕޯޓްގައި ބުނެފައެވެ. މިގޮތަށް އެކަހެރިކޮށް ބައްދަލުކުރުމުގެ ސަބަބުން ޖިންސީ ގުޅުންތައް ހިންގުމަށް މަގުފަހިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިފަދަ ގޮތަކަށް އެކަހެރި ސިއްރު ބައްދަލުވުންތަކަށް މަގުފަހިވަނީ ބެލެނިވެރިންގެ ހުއްދަ ނުލިބި، ބެލެނިވެރިން ގަބޫލު ނުވާތީކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.
ރާއްޖޭގައި އުމުރުން 10 އަހަރާއި 11 އަހަރުގައި ލޯބިވެރިން ހޯދާ – ދިރާސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ