ސިފައިންނަކީ މިހާރުވެސް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެ ބަސްބުނެ އުޅޭ ބަޔަކަށްނުވާއިރު، ސިފައިންނަށް ވޯޓްނުލެވޭގޮތް ހަދަން އުޅުމަކީ ސިޔާސީ މަގުސަދު ތަކެއް ހާސިލުކުރުމަށް ކުރާ ސިޔާސީ މަސައްކަތް ތަކެއްކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކްފާނުގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައެވެ.
މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި އެމަނިކްފާނު ވިދާޅުވެފައިވަނީ ސިފައިންނަށް އިންތިހާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މި އަހަރު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވުވެފައިވާތީވެ، އެއީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ އެއްވެސް ކަމެއް ނިގުޅައި ގަތުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށާ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރުމާއި ދިވެހިންނަށް ލިބިގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް ގާނޫނު އަސާސީގެ 18 ވަނަ މާއްދާއިން ވާޖިބު ކުރާކަމެއްކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހިރާޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ މަތިވެރި މަސައްކަތް މަތިކޮށްފައިވާ އެންމެ މުހިންމު އެއްބަޔަކީ ދިވެހި ރާއްޖޭގެ ދިފާއީ ބާރު ކަމުގައިވާ ދިވެހިރާއްޖޭގެ ފަހުރުވެރި ސިފައިންކަމަށާ ދިވެހި ސިފައިންނަށް ގާނޫނޫ އަސާސީ އިން ވެސް ލިބިދީފައިވާ ހައްގެއް ނިގުޅައިގަތުމަށް މަސައްކަތް ކުރުމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގާނޫނު އަސާސީއިން ލިބިދީފައިވާ މިނިވަންކަން ހަނިކުރުން ކަމުގައި ނޫނީ ނުވާނެކަމަށެވެ.
ރައީސް މައުމޫންގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ސިފައިންގެ ގާނޫނުގެ 19 ވަނަ މާއްދާ " ސިފައިންގެ އެއްވެސް މީހަކު، އެއްވެސް ސިޔާސީ ޕާޓީ އެއްގައި ބައިވެރިވެ، ނުވަތަ ހަރަކާތްތެރިވެ، ނުވަތަ އެއްވެސް ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ" ކަމަށް ބުނެފައިވާކަމަށާ އަދި ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާ " ސިފައިންގެ ކޮންމެ މީހަކަށްމެ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ"ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ފަހުރުވެރި ސިފައިންނަކީ މިހާރުވެސް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެ ބަސްބުނެ އުޅޭ ބައެއްނޫންކަމަށާ އެހެން އޮތް އިރު،ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގު ތަކެއް ނިގުޅައި ގަތުމަށް ޕީޕީއެމްގެ ސަރުކާރަކުން މަސައްކަތްކޮށް އަދި އެކަމަކީ ގައުމީ ކަމެއްކަމަށް ދިވެހިރައްޔިތުންނަށް ދެއްކުމަށް މަސައްކަތް ކުރުމަކީ، ތަސައްރަފު ފުދިފައިވާ ބަޔަކު ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ކުރާ ސިޔާސީ މަސައްކަތް ތަކެއް ކަމުގައި ދެކޭކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ގާނޫނު އަސާސީއަށް އިރުއިރު ކޮޅުން ބޮޑެތި ބަދަލުތައް ގެނެސް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގުތަކާއި މިނިވަންކަން ނަގާލަން މަސައްކަތް ނުކުރުމަށް ގޮވާލާކަމަށެވެ.
ސިފައިންނަށް ވޯޓް ނުލެވޭގޮތް ހަދަނީ ސިޔާސީ މަގްސަދެއްގައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ