މެލެޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރުގެ ދެކަނބަލުން ދެއްވި ފަރިއްކޮޅެއްގައި ރައީސް މައުމޫންގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑޮކްޓަރ މަހާތީރު ބިން މުޙައްމަދާއި އެމަނިކުފާނުގެ އަނބިކަނބަލުން ޓުން ސިއްތި ޙަސްމާ ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަބަލުން އަލްފާޟިލާ ނަސްރީނާ އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.
ކުއާލަލަމްޕޫރުގެ އީސްޓިން ހޮޓަލުގައި ރޭ އޮތް މި ފަރިއްކޮޅުގައި ރާއްޖޭގެ އިސްލާމީ މަރުކަޒު ޑިޒައިން ކުރެއްވި މަޝްހޫރު އާކިޓެކެޓް އަލްޙާއްޖު ދާތޯ ހާޖީދާރު އާއި އެމަނިކުފާނުންގެ އަނބިކަނބަލުންނާއި، ކުރީގެ މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާގެ ވައިސް ޗާންސަލަރ ތާން ސްރީ ސަނޫސީ ޖުނައިދު އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ ޕްރޮޖެކްޓުގައި އިސްކޮށްއުޅުއްވި ދާތޯ ތާން ޗިއު ޕިޔާއޯ އާއި، ދާތޯ ޑޮކްޓަރ ހާޝިމް ޣަނީ އާއި މިސްޓަރ ހާޖާ އާއި އެބޭބޭފުޅުންގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަތެވެ.
މިފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ދެކަނބަލުންގެ ޝަރަފުގައި ފަރިއްކޮޅެއް ބޭއްވެވީތީ ޓުން މަހާތީރުގެ ދެކަނބަލުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޓުން މަހާތީރުގެ ދެކަނބަލުންނަށް ފުރިހަމަ ޞިއްޙަތާއި ދިގު އުމުރުފުޅަކަށް އެދިވަޑައިގަންނަވާކަމަށާއި މެލޭޝިޔާގެ އުޚުއްވަތްތެރި ރައްޔިތުންނަށް އިތުރު ހަމަޖެހުމާއި އިތުރު ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.
ޓުން ޑޮކްޓަރ މަހާތީރު ދެއްކެވި ވާހަކަފުޅުގައި ގިނަދުވަސްތަކަކަށްފަހު ރައީސް މައުމޫނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ހާލުއަހުވާލު އައްސަވާ ދިވެހި ރައްޔިތުންނަށް އިތުރު ތަރައްޤީއާއި އުފާފާގަތިކަމަށް އެދިވަޑައިގަތެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ދެއްވި ފަރިއްކޮޅެއްގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ