އުމަރުގެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފި

އިދިކޮޅު ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކުރި މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އުމަރު ޑީއާރުޕީން ވަކިކުރި މައްސަލަ ޕާޓީ ތެރެއިން ހައްލުކުރަން މަސައްކަތް ނުކޮށް ކޯޓަށް ހުށަނޭޅޭނެ ކަމަށާއި ޕާޓީގެ ތެރެއިން ހައްލުކުރަން އުޅުމަށް ފަހު، ހައްލުނުވެއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހެޅުމަށް އޭނާގެ މައްޗަށް އަމުރުކޮށްދިނުމަށް ޑީއާރުޕީގެ ވަކީލު ހުސްނުއް ސުއޫދު ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ.
ނަމަވެސް މިއަދު ހަވީރު އޮތް ޝަރީއަތުގެ މަޖިލީހުގައި ކަނޑައަޅާފައި ވަނީ ޕާޓީގެ އެތެރެއިން ހައްލު ހޯދުމުގެ އިޖުރާއަތު ފުރިހަމަކޮށްފައި ނޫނީ އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް އުމަރަށް އަންގާނެ ތަނެއް ނެތް ކަމަށެވެ.
އެހެންވެ އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލާގައި މައުޟޫއީ ގޮތުން ޑީއާރުޕީ ޖަވާބުދާރީވުމަށް ގާޒީ އަލީ ރަޝީދު ހުސެއިން ވަނީ ކަނޑައަޅުއްވައިފަ އެވެ.
އެ ނިންމުމުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާ (ހ) ގެ ދަށުން ކޮންމެ މީހަކަށް އެ މީހެއްގެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި އާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ލިބިދޭ ކަމަށެވެ. އަދި އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް އަންނަ ކަމަށް ފެނިއްޖެ ނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު ގާނޫނު އަސާސީގެ 43 (ނ) އިން ލިބިދީފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
"މި ބާވަތުގެ މައްސަލައެއްގައި އިދާރާގެ އެތެރޭގެ ހައްލު ހޯދުމުގެ އިޖުރާއަތުގެ ފުރިހަމަކޮށްފައި މެނުވީ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް މީގެ ކުރިން މަދަނީ ކޯޓުގެ ނަމްބަރު 2009/އެމްސީ/ 1300 ގަޒިއްޔާއިން ނިންމުމުން، އިސްވެ ބަޔާން ކުރެވުނު އަސާސްތަކުގެ މައްޗަށް ބިނާކޮށް، ހައި ކޯޓުގެ ނަމްބަރު 302/އޭ-އެޗްސީ-/ 2009 ގަޒިއްޔާއިން، މަދަނީ ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މައްސަލަ އަލުން ހުށަހަޅައިފިނަމަ އަލުން ބެލުމަށް ހައި ކޯޓުން އަންގާފައިވުމުން، މި މައްސަލާގައި އަމަލު ކުރަންޖެހޭ އުސޫލަކީ އެއީކަން ޝަރީއަތަށް ގަބޫލު ކުރެވިއްޖެ އެވެ،" ނިންމުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ