އަންނަ ސެޕްޓެމްބަރުމަހުގެ ތޭވީސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރި ލިސްޓުގައިވާގޮތުން އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ ދެލައްކަ ފަސްދޮޅަސް ތިންހާސް ސަތޭކަ އަށްޑިހަ އެއް މީހަކަށެވެ.
މިރޭ ބާރަ ޖެހިއިރު އިލެކްޝަންސް ކޮމިޝަނުން ވޯޓުުލުމުގެ ޙައްޤު ލިބިގެންވާމީހުންގެ ލިސްޓު ޢާންމުކޮށްފައިވާއިރު، މިމަހުގެ ވިހިވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އެކޮމިޝަނުން ޢާންމުކޮށްފައިވާ ވޯޓުލުމުގެ ޙައްޤުލިބިގެންވާ މީހުންގެ ލިސްޓަށް ވީހާވެސް ގިނަ ބޭފުޅުން ޝަކުވާ ހުށަހެޅުމަށް އެކޮމިޝަނުން އިލްތިމާސް ކުރާކަމަށެވެ.
މެމްބަރު އަކްރަމް ވިދާޅުވީ، ވޯޓާރސް ލިސްޓު އެކުލަވާލާފައިވަނީ ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މަޢުލޫމާތުގެ އަލީގައިކަމަށެވެ. ރާއްޖެއިން ބޭރުގައި ނިޔާވެފައިވާ މީހުންގެ ޞައްޙަ މަޢުލޫމާތު ޑީއެންއޭއާއި ޙިއްސާ ކުރެވިފައި ނުވާތީ ، އެފަދަ ފަރާތްތަކުގެ ނަން ލިސްޓުގައި ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ މަޢުލޫމާތު ޞައްޙަ ކުރުމަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ފަރުދުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުރިހައި ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން އިލެކްޝަންސް ކޮމިޝަނަށް ލިބިއްޖެނަމަ، ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބޭނުން ކުރި ފަދަ ފުރިހަމަ ލިސްޓެއް މިފަހަރުވެސް އެކުލަވާލެވޭނޭކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށެވެ.
2018 ރިޔާސީ އިންތިޚާބުގެ ވޯޓާރސް ލިސްޓު ޢާންމު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ