ރާއްޖޭގައި އޮތް އެންމެ އާބާދީ ކުޑަ އެހެން ނަމަވެސް އެންމެ ހިތްގައިމު އެއް އަތޮޅަކީ ވ އަތޮޅެވެ. ވ އަތޮޅުގެ ހަަމަ ކޮންމެ ރަށަކީވެސް ވަރަށް ހިތްގައިމު ކުދި ރަށްތަކެކެވެ. ރާއްޖޭގައި އެންމެ އާބާދީ ކުޑަ އަތޮޅަށް ވ އަތޮޅު ވީނަމަވެސް އެ އަތޮޅަކީ ފަހުރުވެރި މަސައްކަތްތެރި ދަރިންތަކެއް ދިރިއުޅެމުން ގެންދާ ރަށެކެވެ. ބައެއް ރަށްރަށުގެ އާބާދީ 25 މީހުންވެސް ނެތެވެ. ނަމަވެސް އާބާދީ އެންމެ ހެޔޮ ރަށް ކަމުގައިވާ ކެޔޮދޫގައި 800ހާ ރައްޔިތުން އެބަތިއްބެވެ. ވ އަތޮޅުގެ ކޮންމެ ރަށަކީވެސް މަސައްކަތްތެރި ރަށެކެވެ. ފުއްދުންތެރި ރައްޔިތަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރާ ރައްޔިތަކު ދިރިއުޅޭ ރަށެވެ. އަތޮޅާއި ރައްޔިތުންގެ ތަރައްގީއަށް ހިތްވަރާއިއެކު މަސައްކަތް ކުރާ މުރާލި ރައްޔިތަކު ދިރިއުޅޭ އަތޮޅެކެވެ. ވ އަތޮޅުގެ ރައްޔިތުންނަކީ އެއަތޮޅުގައި އޮތް ކަނޑުގެ ހަޒާނާ އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރާ ރައްޔިތަކު ތިބި އަތޮޅެކެވެ. ކުދިކުދި ރަށްރަށުގެ ރީތިކަން ބޭރުގެ މެހެމާނުންނަށް ވިއްކުމުގައި ނަމޫނާ ރައްޔިތަކު އުޅޭވެސް އަތޮޅެކެވެ.
ވ އަތޮޅުގެ ރަށްރަށުގެ ތެރެއިން އެ އަތޮޅުގެ އާބާދީ އެންމެ ބޮޑު އެއް ރަށްކަމުގައިވާ ކެޔޮދޫއަކީ ގިނަ ހިދުމަތްތަކަކަށް ބޭނުންވެފައިވާ ރައްޔިތަކު ދިރިއުޅެމުން ގެންދާ ރަށެވެ. ރަށުގައި ތިބެގެން ދިރިއުޅެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސޭތޯ ކެޔޮދޫގެ ރައްޔިތުން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، ކެޔޮދޫ ރައްޔިތުންގެ މިއަދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގައި އޮތް ބަދަރު ހަލާކުވެ ބޭނުން ނުކުރެވޭވަރުވެފައިވާތީއެވެ.
2004 ވަނަ އަހަރު މުޅި ރާއްޖެ ސިއްސުވާލި ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތައްވީ ރަށްރަށުގެ ތެރޭގައި ކެޔޮދޫވެސް ހިމެނެއެވެ. ސުނާމީ ކާރިސާއާއި ގުޅިގެން ކެޔޮދޫގައި އޮތް ބަދަރު މުޅިން ކަހަލަ ގޮތަކަށް ހަލާކުވެގެން ދިޔައެވެ. ބަދަރުގެ ބޭރު ތޮށިގަނޑުގެ ބޮޑު ބައެއް ވެއްޓިގެންދިޔައެވެ. އަދި ބަދަރުގެ އެކި ސަަރަހައްދުތަކުން ތޮށިގަނޑު ކަނޑައިގެންގޮސް މުޅި ބަަދަރު ސުންނާފަތިވިއެވެ. އެއާއިއެކު މިއަދު ކެޔޮދޫ ބަދަރު ވަނީ ތިލަވެ ބޭނުން ނުކުރެވޭފަދަ ހާލަތަކަށް ބަދަލް ވެގެންގޮސްފައެވެ.
ސުނާމީ ކާރިސާއަށް 12 އަހަރުވާން ކައިރިވެފައިވާއިރު، ވޭތިވެދިޔަ 12 އަހަރު ކެޔޮދޫ ރައްޔިތުން ކުރި އެންމެ ބޮޑު އުންމީދަކީ ރަށައް އައު ބަދަރެއް ލިބޭނެކަމުގެ އުންމީދެވެ. އެ އުންމީދުގައި ކެޔޮދޫގެ ރައްޔިތުން ބާރަ އަހަރު ހޭދަކޮށްފިއެވެ. އަދިވެސް ބަދަރުގެ ކަންބޮޑުވުމަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެއެވެ. ދުވަހެއް ދުވަހަކަށް ބަދަރުގެ ހާލަތު ނިކަމެތިވެ ދެރަވަމުންދާއިރު، މިއަދު ބަދަރު ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ރަށުގެ ތަރައްގީއާއި ކުރިއެރުމަށް އަދި ރައްޔިތުންގެ ދިރިއުޅުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ކެޔޮދޫ ބަދަރުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްއުސްތާޒު މޫސާ ނިޒާރު އިބްރާހިމް ވިދާޅުވީ މިހާރުން މިހާރަށްވެސް އައު ބަދަރެއްގެ ބޭނުން ކެޔޮދޫއަށް ވަރަށް މުހިންމުކަމަށެވެ.
ބަދަރުގެ މައްސަލައާއި ގުޅިގެން ދާދިފަހުން ރައީސް އަބުދުﷲ ޔާމީނާއިވެސް މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވާ މެންބަރު މޫސާ ނިޒާރު ވިދާޅުވީ ރައީސް ޔާމީން އަރިހުގައި ބަދަރުގެ ދަތިކަމުގެ ވާހަކަތައް ހިއްސާކުރުމުން ރައީސް ވަރަށް އުންމީދީ ޖަވާބެއް ދެއްވާފައިވާކަމަށެވެ.
"ރައީސް ވަނީ ވަރަށް އުންމީދީ ޖަވާބެއް ދެއްވާފައި. އިރާދަކުރިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ ވޭތިވެދިޔަ 12 އަހަރުގެ ތެރޭގައި އުފުލަންޖެހުނު ތަކްލީފްތަކަށް މިފަހަރު ހައްލެއް ލިބިގެން ދިއުން." މޫސަ ވިދާޅުވިއެވެ.
މެންބަރު މޫސަ ވިދާޅުވީ ދިރިއުޅުމަށްޓަކައި ކެޔޮދޫ ރައްޔިތުން ކުރާ ހިތްވަރަށް ތައުރީފް ކުރައްވާކަމަށާ ބަދަރުގެ މައްސަލައަށް ހައްލެއް ލިބިއްޖެނަމަ ކެޔޮދޫއަށް ހުރިހާ ގޮތަކުންވެސް ކުރިއެރުން ލިބިގެންދާނެކަމަށެވެ.
މިވަގުތު ރާޢްޖޭގައި ލޯކަލް ޓްއަރިޒަމް އެންމެ ކާމިޔާބުކަމާއެކު ހިންގޭ ރަށްތަކުގެ ތެރޭގައި ކެޔޮދޫ ހިމެނޭކަން ފާހަގަކުރައްވާ މޫސަ ވިދާޅުވީ ކެޔޮދޫގައި ލޯކަލް ޓްއަރިޒަމް ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށްވެސް އޮތް އެންމެ ބޮޑު ހުރަހަކީ ބަދަރު ހަލާކުވެފައި އޮތުންކަމަށެވެ.
މޫސަ ވިދާޅުވީ ދެ މޫސުމަށްވެސް އެންމެ މަސްވެރިކަން ރަނގަޅު އަތޮޅަކީ ވ އަތޮޅަށްވުމުން ގިނަ އަދަދެއްގެ މަސްވެރިން އެއަތޮޅުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުންދާކަމަށެވެ.
އަދި އެފަދަ މަސްވެރިން އެކި ބޭނުންތަކުގައި ކެޔޮދޫ ބަދަރުގެ ބޭނުންކުރަމުންދާކަމަށާ އަދި ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުންވެސް އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ދޯނި ބޭނުންކުރަމުންދާކަމަށެވެ. އެހެންކަމުން އެފަރާތްތަކުގެ ފަސޭހައަށްވެސް ބަދަރަށް އަވަސް ހައްލެއް އައުމަކީ ވަރަށް މުހިންމުކަމެއްކަމަށް މޫސާ ނިޒާރު ވިދާޅުވިއެވެ.
"މާތްﷲގެ ރަހުމަތުން ވ އަތޮޅަކީ ކަނޑުގެ އަގުހުރި ހަޒާނާއެއް. މިއީ ދެ މޫސުމަށްވެސް މަސްވެރިކަން ރަނގަޅު އަތޮޅެއް. ފަރުމަހުގެ މަސްވެރިކަމާއި، ސޫފި ނެގުންފަދަ މަސައްކަތްތަކަށްވެސް ހާއްސަ އަތޮޅެއް މިއީ. އެފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުންވެސް ކެޔޮދޫ ބަދަރުގެ ބޭނުންކުރޭ. އެެހެންވީމަ ކެޔޮދޫއަށް އެހެން އަތޮޅުތަކުގެ ރައްޔިތުންގެ ފަސޭހައަށްޓަކައިވެސް ބަދަރެއް ބޭނުންވޭ." މެންބަރު މޫސަ ވިދާޅުވިއެވެ.
ކެޔޮދޫގެ ބަދަރުގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ޔޫސުފް ވިދާޅުވީ ރަށައް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެންވަރު ރަނގަޅު ބަދަރެއް ރަށުގައި ނެތުންކަމަށެވެ.
އެކަމުގެ ސަބަބުން ލޯކަލް ޓްއަރިޒަމް ފުޅާކުުރުމަށް ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ހުރަސްތައް ކުރިމަތިވެފައިވާކަން ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވިއެވެ.
"މިރަށުގައި މިހާރުވެސް ގިނަ އަދަދެއްގެ ގެސްޓް ހައުސްތައް އެބަހުރި. އަދި ގަވާއިދުން މިރަށައް އަންނާނެ ފަތުވެރިންވެސް އަޅުގަނޑުމެންނަށް އެބަލިބޭ. ނަމަވެސް ބަދަރުގެ ހާލަތު އޮތްގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން އެބަޖެހޭ. ބައެއް ފަތުރުވެރިން ބަދަރުގެ ވައިޓަރު މައްޗަށް ފައިބާވެސް ބިރުގަނޭ މިހާރު އެތަން އޮތް ހާލަތުން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އައު ބަދަރެއްގެ މަސައްކަތް ފެށޭތޯ ދާއިރާގެ މެންބަރު މޫސާ ނިޒާރު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާތީ ވަރަށް އަވަހަށް ބަދަރުގެ މައްސަލައަށް ހައްލެއް ލިިިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ދާއިރާގެ މަޖިލީސް މެންބަރުވެސް އުންމީދުކުރައްވަނީ މަޖިލީހުގެ އައު ދައުރަށް ހުށައެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ސަޕްލިމެންޓަރީ ބެޖެޓްގެ ތެރެއިން ކެޔޮދޫގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވެގެންދާނެކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ ލޯކަލް ޓްއަރިޒަމާއި، މަސްވެރިކަމާއި އަދި އެނޫންވެސް ބޭނުންތަކުގައި ކެޔޮދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން ލަފާ ފުރޭނެ އިންތިޒާމެއް އަވަސް މުސްތަގްބަލެއްގައި ކެޔޮދޫގައި ހަމަޖެހިގެން ދިއުމެވެ.
ކެޔޮދޫ ރައްޔިތުން އައު ބަދަރެއްގެ އުންމީދުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ