ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބައެއް ފަޅުރަށްރަށުން ފައިސާ ނުލިބެނީސް ޚިދުމަތް ފޯރުކޮށްދީފައިކަން ހާމަވެއްޖެ

ދެހާސް ސާދަވަނަ އަހަރުގެ ނިޔަލަށް، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބައެއް ފަޅުރަށްރަށުން ލީސް ޓްރާންސްފާ އަދި ލީސް މޯގޭޖުގެ ފައިސާ ނުދައްކަނީސް އެތަންތަނަށް ޓުއަރިޒަމް މިނިސްޓްރީން ޚިދުމަތް ފޯރުކޮށްދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ޓުއަރިޒަމް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 11 ފަޅުރަށެއްގެ ފައިސާ އެއްކޮށް ދައްކާ ނުނިމެނީސް އެރަށްރަށަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ޓުއަރިޒަމް މިނިސްޓްރީން ފޯރުކޮށްދީފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބުނާ ގޮތުން، ދައުލަތުގެ ތަންތަނުން ކުރާ މަސައްކަތަށް، ދޭ ޚިދުމަތަށް ނުވަތަ ވިއްކާ އެއްޗެއްގެ ފައިސާ، އެކަމެއް ނިމޭތާ މަސް ދުވަސް ތެރޭގައި ހޯދަން ޖެހެ އެވެ.
ޓުއަރިޒަމް މިނިސްޓްރީން ދޭ ޚިދުމަތްތައް ދެނީ، އެ ޚިދުމަތަކަށް ދައްކަން ޖެހޭ ފައިސާ ދައްކައި ނިމުމުން ކަމަށް އެ މިނިސްޓްރީ އިން އޮޑިޓު އޮފީހަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް، 2014 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރު، ލީސް ޓްރާންސްފާގެ މުއާމަލާތްތަކުގެ ފައިސާ ނުލިބެނީސް ޓުއަރިޒަމް މިނިސްޓްރީން ހަތް ރަށަކަށް ވަނީ ހިދުމަތް ފޯރުކޮށްދީފައެވެ.
އއ. މަތިވެރީ ފިނޮޅު، ބ. ހިބަޅިދޫ، ލެއިޝާ ބީޗް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ވ. ފޮއްތެޔޮ އަދި ބޮޑުފުށި، އިޓަލީގެ ބަލްޔޯނީއިން ތަރައްގީކުރަމުންދާ ދ. މާގައު، ބ. ބޮޑުފަރު ފިނޮޅު، ސޮނޭވާ ޖާނީ ރިސޯޓު ހަދާފައިވާ ނ. މެދުފަރާއި، ރ. ފާރަފުށި އެ ރަށްތަކުގައި ހިމެނެއެވެ.
އޮޑިޓް ރިޕޯޓުގައި ކޮންމެ ރަށަކަށް ފޯރުކޮށްދިން ޚިދުމަތަށް ލިބެން ޖެހޭ އަދަދު ކަމަށް ބެލެވޭ ފައިސާގެ އަދަދެއް ޖަހާފައިވެއެވެ. ލީސް ޓްރާންސްފާގެ ކޮންމެ ރަށަކަށް 5،000 ޑޮލަރު، އަދު ލީސް މޯގޭޖްގެ ކޮންމެ ރަށަކަށް 10،000 ރުފިޔާ ޖަހާފައިވެއެވެ.
އެހެން ނަމަވެސް ލިބެންޖެހޭ ފައިސާގެ ތަފްސީލު އެނގޭ ގޮތަށް މިނިސްޓްރީގެ އާމްދަނީއާ ބެހޭ ލިޔެކިޔުންތައް ބަލަހައްޓާފައި ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންވެ 2014 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީއަށް އާމްދަނީގެ ގޮތުގައި ލިބެން ޖެހޭ އަދަދާއި، ނުލިބިވާ އަދަދު ޔަގީން ނުކުރެވޭ ކަމަށް އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ