އިރާޤުގެ މިސްކިތެއްގައި ތިބި 73 މުސްލިމުން ޝަހީދު ކޮށްލައިފި

އިރާޤުގެ އިރުމަތީގެ ދިޔާލާ ޕްރޮވިންސްގެ މިސްކިތެއްގައި ތިބި ސުންނީ މުސްލިމުން ތަކެއްގެ ތެރެއަށް ޝީއީ ހަނގުރާމަވެރިން ބަޑިޖަހާ އެމިސްކިތުގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 73 މީހުން ޝަހީދު ކޮށްލައިފި ކަމަށް އިރާޤުގެ ސިއްހަތާއި ބެހޭ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނެފިއެވެ.
މިހާދިސާ ހިނގީ މިއަދުގެ ވަގުތެއް ގައެވެ. މިހާދިސާގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުން ބަގޫބާގެ ހޮސްޕިޓަލަކަށް ގެނެސްފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.
ދީނީ ހަމަނުޖެހުންތައް އިންތިހާ އަށް ގޮސްފައިވާ އިރާޤުޤައި ހިނގި މިހާދިސާ އާއި ގުޅިގެން އަދި މާބޮޑު ތަފްސީލް ތަކެއް ނުލިބެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަމަލާ ދިން ހަނގުރާމަވެރިން ވަނީ ބޮން ވެސް ބޭނުން ކޮށްފައެވެ.
އިރާޤުގެ އާބޮޑުވަޒީރަކަށް ޝީއީ ބޭފުޅަކު ނޮމިނޭޓް ކޮށްފައި ވާއިރު ކުރިއަށް އޮތްތަނުގައި ޝީއީން ނާއި ސުންނީގެ މެދުގައި އޮތް ދީނީ ހިލާފުތައް މިކަމުގެ ސަބަބުން އިތުރުވުން އެކަށީގެންވާ ކަމަށް މުހައްލިލުން ލަފާ ކުރަށްވައެވެ.
ދާހިލީ ހަނގުރާމައިގައި އިރާޤުން ފަހަކަށް އައިސް ގިނަ ބަޔަކު މަރުވަމުން ދާއިރު މިހާރު އިރާޤުގެ ހާލަތު އޮތީ 2006 ވަނަ އަހަރާއި 2007 ވަނަ އަހަރާއި ދެމެދު އޮތް ހާލަތުގައި ކަމަށް މުރާސިލުން ވިދާޅުވެއެވެ.
މިދިއަ ޖުލައި މަހު ބަގުބާގެ މިސްކިތެއްގައި ވެސް 15 ސުންނީ މުސްލިމުންގެ ގައިގައި ކަރަންޓް ޖައްސާ ޝަހީދު ކޮށްލާފައި ވެއެވެ.
ހިއުމަން ރައިޓްސް ވޮޗް އިން ބުނާ ގޮތުގައި މިދިއަ ޖުލައި މަހު އިރާޤުގެ ސަލާމަތީ ބާރުތަކުން ވަނީ 255 ސުންނީ މުސްލިމް ގައިދީން މަރާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ