ޕީޕީއެމްގެ މެމްބަރުން ދެކޭ ގޮތުގައި އިންތިހާބު ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ.
މައުމޫން މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ މެމްބަރުން ދެކޭ ގޮތުގައި އިންތިހާބު ފަސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަކާލާތު ކޮށްފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މަދު ބައެއްގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި، އިންތިހާބު ފަސްކުރުމަކީ ރައްޔިތުންގެ އިންތިހާބީ ހައްގަށް ލިބޭނެ އުނިކަމެއް ކަމަށް ރައީސް މައުމޫން ފެކްޝަނުން ގަބޫލުކުރާ ކަމަށެވެ.
އަދި 25 ޖެނުއަރީ 2017 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވުމަކީ ގާނޫނުގެ ވެރިކަން ހިންގުމަށް އޮތް ހުރަހެއް ކަމަށް އެޕާޓީގެ މެމްބަަރުން ދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިންތިހާބު ފަސްކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން ދައްކާފައި ވަނީ އެއްވެސް ބުރަދަނެއް ނެތް ހުސްވާހަކަތަކެއް ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ނަމުގައި އެ ދައުވާ ހުށަހަޅާފައިވީ ނަމަވެސް، އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް ކަމަށާއި، ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޝަރީއަތުގައި އެ ޕާޓީން އިންތިހާބު ފަސްކުރުމަށް ބޭނުންނުވާ ކަމަށް ބުނެފައިވާނެ ކަމަށާއި އެ މައްސަލައަށް ތަދައްޚުލްވި ހުރިހާ ފަރާތްތަކުން ވެސް އިންތިހާބު ފަސްކުރުމަށް ތާއީދު ނުކުރާކަމުގައި ވެސް ޝަރީއަތުގައި ހާމަކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ގާނޫނުގައި ބުނެފައިވާ ތާރީހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމުގެ އެންމެހައި އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައިވެ އެވެ.
އަދި އިންތިހާބު ފަސްކުރުމުން އަލުން ރީރެޖިސްޓާ ކުރަންޖެހުމާއި އެހެނިހެން ހަރަދުތައް ކުރަން ޖެހުމަކީ ރާއްޖޭގެ އިގްތިޞާދީ ހާލަތަށް ބަލާއިރު ރައްޔިތުންނަށް އުފުލަން ޖެހޭނެ ބޮޑު ތަކުލީފެއް ކަމުގައި އެ ބަޔާޏުގައި ބުނެފަެިވެއެވެ.
އިންތިހާބު ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ