އާންމު އުނދަގުލަށް ޖޫރިމަނާ ކުރެވޭ ގަވައިދަށް ހިޔާލު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާނުކޮށްފިއެވެ.
ޖޫން 2026 ވީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 2 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ”އާންމު އުނދަގުލާ ބެހޭ ގަވާއިދު“ އާންމުންގެ ހިޔާލަށް ހުޅުވާލުމަށް ނިންމައިފައެވެ. އެގޮތުން އިއްޔެއިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހިޔާލު ހުށަހެޅުއްވުމަށް އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.
މާލޭ ސިޓީ ކައުންސިލުން ގެޒެޓުކުރި އެ ގަވައިދުގެ ޑްރާފްޓުގައިވާ ގޮތުން އާންމު އުނދަގުލެއް ކަމަށް ބަލާނީ، ކުނި ބައްޓަން ކަނޑައަޅާފައިވާ ތަންތަން ނޫން ތަންތަނުގައި ކުނި ބެހެއްޓުމާއި، މަގުމަތީގައި އާންމުންނަށް އުނދަގޫވާ ގޮތަށް ތަކެތި ބެހެއްޓުމާއި މަގުމަތީގައި އާންމުންނަށް އުނދަގޫވާ ގޮތަށް ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމާއި މަގުމަތި ހަޑިކުރުން ހިމެނެއެވެ.
އޭގެ އިތުރުން، ވާ ޖަހައިގެން އިމާރާތްތަކަށް ތެކެތި އެރުވުމާއި ބެލްކަނި ފަދަ ތަންތަނުގައި ގަސްމުށި ބެހެއްޓުމާއި ހުއްދަ ނެތި ފާރުތަކާއި އެހެނިހެން ތަންތަނުގައި ކުރެހުމާއި ސްޕްރޭކުރުމާއި ޕޯސްޓަރުތައް ޖެހުން، މާލޭ ސިޓީގެ ޕާކުތަކާއި މައިޒާންތަކާއި މިސްކިތްތަކުގައި ނިދައި ފެންވަރައި ހެދުމާއި، އާންމު ތަންތަނުގައި އަޑުގަދަކުރުމާއި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ކުރުމަކީ ވެސް އާންމު އުނދަގުލުގެ ގޮތުގައި ބަލާނެއެވެ.
އެ ގަވައިދުގައިވާ ގޮތުން އެންމެ ފުރަތަމަ އެފަދަ މައްސަލަތަކުގައި ސިޓީ ކައުންސިލުން ދޭނީ ނަސޭހަތެވެ. އަދި އޭގެ ފަހުން ވެސް ކުށް ތަކުރާރުކޮށްފިނަމަ އިޖުތިމާއީ އަމުރު ނެރޭނެއެވެ. ޖޫރިމަނާކުރެވޭނީ އެ ފިޔަވަޅުތަައް އެޅުމުން ވެސް ކުށް ތަކުރާރުކުރާނަމައެވެ.
އެ ގަވައިދުގައިވާ ގޮތުން މަގުމަތީގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓާ ފަރާތްތައް ފަރާތްތައް އެކަން ކުރާ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާކުރެވޭނެއެވެ. އޭގެ އިތުރުން ޑަސްބިނަށް ކުނި ނާޅައި މަގުމައްޗަށް ކުނި އެޅުން ފަދަ މަގުމަތި ހަޑިވާ ކަންކަން ކުރާ ފަރާތްތައް 500ރ. އާއި 5000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
އިމާރާތްކުރަން ގެންނަ ތަކެތި މަގުމަގީގައި ބަހައްޓާނަމަ ފުރަތަމަ ފަހަރު 500ރ. ދެވަނަ ފަހަރު 1500ރ. އަދި ތިންވަނަ ފަހަރު 1800ރ. އިން ޖޫރިމަނާކުރެވޭނެއެވެ. ތިން ފަހަރަށް ވުރެ ގިނައިން އެކަން ތަކުރާރުކުރާނަމަ ކޮންމެ ފަހަރަކު 2000ރ. އިން ޖޫރިމަނާކުރެވޭނެއެވެ.
އާންމުންނަށް އުނދަގޫވާ ގޮތަށް މަގުމަތީގައި އަޑުގަދަކުރާނަމަ ފުރަތަމަ ފަހަރު ދޭނީ ނަސޭހަތެވެ. އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާކުރެވޭނެއެވެ.
މީގެ އިތުރުން، އާންމު އުނދަގުލަށް ވާ ފަދަ އަމަލުތައް ކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތުގެ ހޯދަން ކައުންސިލުން އެދުމުން ނުބައި މައުލޫމާތެއް ކައުންސިލަށް ދީފިނަމަ 2000ރ. އިން ޖޫރިމަނާކުރެވޭނެއެވެ.
މި ގަވައިދަށް އަމަލުކުރަން ފަށާނީ ކައުންސިލުން އާންމުންގެ ހިޔާލު ހޯދުމަށްފަހު، ގެންނަ ބަދަލުތަކާއެކު ކައުންސިލުން ގަވައިދު ފާސްކޮށް ގެޒެޓުކުރުމުންނެވެ.
އާންމު އުނދަގުލަށް ޖޫރިމަނާ ކުރެވޭ ގަވައިދަށް ހިޔާލު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ