ފޯރިގަދަ ކުޅުމަކަށްފަހު އެވަޓަންގެ މައްޗަށް ކުރި ހޯދާ ޗެލްސީ ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފި

ފޯރިގަދަ ކުޅުމަކަށްފަހު 3-6 ގެ ނަތީޖާއިން އެވަޓަންގެ މައްޗަށް ކުރި ހޯދާ ޗެލްސީން ލީގުގެ އެއްވަނަ މަގާމަަށް ޖެހިލައިފި އެވެ.
މި މޮޅާއެކު ޗެލްސީ އެއްވަނައިގައި އޮތީ ކުޅުނު 3 މެޗު ވެސް ކާމިޔާބުކޮށްގެން ލިބުނު 9 ޕޮއިންޓާއެކީގަ އެވެ. މި މެޗުން ބަލިވި އެވަޓަން އޮތީ 2 ޕޮއިންޓާއެކީ ލީގުގެ 15 ވަނައިގަ އެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓްގައި ޗެލްސީ ވަނީ މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނަގާފަ އެވެ. ފެބްރިގާސް ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޯސްޓާ އެވެ. އަދި އޭގެ ދެ މިނެޓްފަހުން ރަމިރޭސް ދިން ޕާހަކުން ޗެލްސީގެ ފުލްބެކް އިވަނޮވިޗް ވަނީ އެޓީމުގެ ލީޑް ފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން އެވަޓަންގެ ބެލްޖިއަމް ފޯވާޑް ކެވިން މެރީލޭސް ވަނީ ގޯލެއްޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން އެވަޓަން އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މެޗުގެ 67 ވަނަ މިނެޓްގައި ޗެލްސީން ވަނީ އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްފަ އެވެ. މި ގޯލަކީ އެވަޓަންގެ ފުލްބެކް ކޯލްމަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
ޗެލްސީން ތިންވަނަ ގޯލްޖެހިތާ 2 މިނެޓްފަހުން އެވަޓަން އިން ވަނީ އަނެއްކާވެސް ނަތީޖާގެ ފަރަގު ކުޑަކޮށްލާފަ އެވެ. މެކްގީޑީ ދިން ޕާހަކުން މި ގޯލް ކާމިޔާބުކޮށްދިނީ ސްޓީވެން ނެއިސްމިތް އެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި 3 ވަނަ ގޯލެވެ.
އެވަޓަން އިން އެޓީމުގެ ދެވަނަ ގޯލްޖެހިތާ 4 މިނެޓްފަހުން ޗެލްސީން ވަނީ އެޓީމުގެ 4 ވަނަ ގޯލް ކާމިޔާބުކޮށްފަ އެވެ. މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރ ނެމަންޖާ މަޓިޗް އެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން ކުރިން ޗެލްސީ އަށް ކުޅުނު ސެމިއެލް އެޓޫ ވަނީ އެވަޓަންގެ 3 ވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
އެޓޫ ގޯލްޖެހިތާ މިނެޓެއްވެސް ނުވަނީސް ޗެލްސީގެ މިޑްފިލްޑަރ ރަމިރޭސް ވަނީ އެޓީމުގެ 5 ވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ. ޗެލްސީއަށް މި މެޗުން 3 ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް މެޗުގެ  ފަހު މިނެޓްގައި މިކޭލް ދިން ރީތި ޕާހަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑިއޭގޯ ކޯސްޓާ އެވެ. މިއީ ކޯސްޓާ ލީގުގައި ކާމިޔާބުކުރި 4 ވަނަ ގޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ