ޓެރަރިޒަމްގެ ބިިލް ނާޖާއިޒް ގޮތުގައި ބޭނުމެއް ނުކުރާނަން: އުމަރު

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޓެރަރިޒަމް މަނާކުރުމުގެ ބިލް ގާނޫނަކަށްވީ ނަަމަވެސް ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވައިފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކޮށްފައިވާ ޓެރަރިޒަމް މަނާކުރުމުގެ ބިލާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަގުތެއް ކުރެއްވި ޓްވީޓެއްގަ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ބިލަކީ ހޯމް މިނިސްޓަރަށް ވަރަށް ބޮޑެތި ބާރުތަކެއް ދީފައިވާ ބިލެކެވެ.
އުމަރު ވިދާޅުވީ ގާނޫނަކީ އޭގެ ބޭނުން ރަނގަޅަށްވެސް އަދި ގޯސްކޮށްވެސް ހިފިދާނެ އެއްޗެއް ކަމަށެވެ. ނަމަވެސް ޓެރަރިޒަމް މަނާކުރުމުގެ ބިލް ގާނޫނަކަށްވީ ނަަމަވެސް ނަހަމަގޮތުގައި މިބިލްގެ ބޭނުން ސަރުކާރުން ނުހިފާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ބަދިގޭގައި ބޭނުންކުރާ ވަޅިއަކީ ވެސް ތަރުކާރީ ކޮށަން ނުވަތަ މީހަކު މެރުމަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެއް،" ގާނޫނު ނަހަމަ ގޮތުގައި ބޭނުން ނުކުރާނެކަން ޔަގީންކޮށްދިނުމުގެ ގޮތުން އުމަރު މިސާލެއްގެ ގޮތުގައި ވިދާޅުވި އެވެ.
މަޖިލީހުން މި ބިލް ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވުމާއި އެކު އަމަލުކުރާ ގޮތަށެވެ. އެކަމަކު މިބިލް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވިއިރު މިބިލް އޮތީ މަޖލީހުން މިބިލް ފާސްކޮށް ރައީސް ތަސްދީގުކުރައްވާ ދުވަހުން ފެށިގެން ތިން މަސް ފަހުން އަމަލުކުރާ ގޮތަށެވެ.
މިބިލްގައިވާ ގޮތުން ރާއްޖެއިން ބޭރަށް ހަނގުރާމަ ކުރަން ދިއުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި ޓެރަރިޒަމަށް ތުހުމަތުކުރެވޭ މީހުން މޮނީޓާ ކުރުމަށްޓަކައި ފިޔަވަޅު އެޅޭނެ ގޮތްތަކެއް ވެސް ބިލްގައި ހިމަނާފައިވެ އެވެ. މީގެ އިތުުރުން ޓެރަރިޒަމަކީ އެންމެ ބޮޑެތި ޖިނާއީ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ވާތީ ޓެރަރިޒަމްގެ އަމަލުތަކަށް ހިންގާ މީހުންނަށް ދިނުމަށް ބިލްގައި ކަނޑައަޅާފައިވަނީ ބޮޑެތި އަދަބު ތަކެެކެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޓެރަރިޒަމްގެ ގާނޫނަކީ 1990 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނަކަށް ވާތީ މިއަދު މަޖިލީހުން ފާސްކުރި ޓެރަރިޒަމް މަނާކުރުމުގެ ބިލް މަޖިލީހުން އަވަހަށް ނިންމައިދިނުމަށް ބަންޑާރަނައިބް މުހައްމަދު އަނިލް މީގެ ކުރިން އެދިވަޑައިގެންފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ