އުމަރު ނަސީރު ޕީޕީއެމަށް ސޮއި ކުރައްވައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރު އަނެއްކާ ވެސް ޕީޕީއެމްއަށް ސޮއި ކުރައްވައިފި އެވެ.
އުމަރު ޕީޕީއެމްއަށް ސޮއިކުރެއްވި ކަމަށް ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމަށް ސޮއި ކުރެއްވީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މީގެ ކުރިން އެތައް މަސައްކަތްތަކެއް އެކުގައި ކޮށްފައިވާ މެންބަރުންނާއެކު މަސައްކަތް ކުރަން ލިބުމުން އަނެއްކާ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމުގައި ވެސް ވިދާޅުވި އެވެ.
އުމަރު ނަސީރު ޕީޕީއެމުން ވަކިކުރެއްވީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ބޭއްވި ޕްރައިމަރީގައި ރައީސް އަބުދުﷲ ޔާމީނާ ވާދަ ކުރައްވާ އެކަމުގެ ތެރޭގައި ހިނގި ދެބަސްވުންތަކުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އުމަރު މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގަ އެވެ.
ހޯމް މިނިސްޓަރުގެ މަގާމަށް އުމަރު ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
އުމަރު ނަސީރު ޕީޕީއެމާއި ގުޅިވަޑައިގެންނެވުމުން އެޕާޓީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުމަރަކީ ޕާޓީގެ ވަރުގަދަ ރައުސުލްމާލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ