ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ހަމީދު އަވަހަރާވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި މާއްދާ ބާއްވަން ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް ނިންމައިފި އެވެ.
ވީނިއުސް އަށް މިރޭ މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަހްމަދު މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ނުބާއްވާ ގޮތަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ނިންމެވީ އަބްދުﷲ ހަމީދު ރައްޔިތުންގެ މަޖިލީހަށާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަނދެން ހިދުމަތް ކޮށްދެއްވާފައިވާތީއާއި އެމަނިކުފާނު މިއަދު އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ކަަމަށެވެ.
އަމީންއާންމު އިތުރަށް ވިދާޅުވީ އަބްދުﷲ ހަމީދު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށްވެސް މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ.
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުﷲ ހަމީދަކީ ރައީސް އަބްދުﷲ ޔާމިންގެ އެއްބަފާ ބޭބޭ އެވެ.
އަބްދުﷲ ހަމީދު އަވަހާރަވުމާއި ގުޅިގެން މާދަމާއިން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ހަމަޖައްސަވާފަ އެވެ. އަދި ހަމީދު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމުގެ އިތުރަށް އެމަނިކުފާނުގެ ހަށިކޮޅު ރާއްޖެ ގެންނަވާ ގޮތަށް ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ވެސް ރައީސް ޔާމިން ވަނީ ނިންމާފަ އެވެ.
ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި އަބްދުﷲ ހަމީދު މިއަދު އަވަހާރަވީ ދިގު މުއްދަތެއްގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގެ ބެންގަލޫރުގަ އެވެ.
އަބްދުﷲ ހަމީދު އަވަހާރަވުމުން މަޖިލީހުގެ މާދަމާގެ ޖަލްސާ ނުބާއްވާ ގޮތަށް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ