ޢީދުގެ ޙަރަކާތްތަކާ ގުޅިގެން ފުލުހުންގެ މަސައްކަތަށް ރައްޔިތުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރިއްޔާ

ބަރަކާތްތެރި އަދި އުފާވެރި އަޟްޙާ ޢީދުގެ ބަންދުގެ ދުވަސްތައް މުޅި ރާއްޖޭގައި ނިމިގެން ދިޔައީ އުފާވެރިކަމާ ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމުގެ ދުވަސްތަކެއްގެ ގޮތުގައެވެ.
އަޟްޙާ ޢީދުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބިދެވޭނެ މަގު ތަނަވަސް ކުރުމުގެގޮތުން މާލެ އަތޮޅުތަކުގައި ފުލުހުން ވަނީ ރައްކާތެރިކަމުގެ ޚާއްޞަ އޮޕަރޭޝަންތަކެއް ފަށައި ގިނަ މަސައްކަތްތަކެއް ކޮށްފަވެއެވެ. ރައްޔިތުން ކުޅިވަރާ މަޖަލުގައި ހޭދަކުރާއިރު ނަފްސުގެ ރައްކާތެރިކަން ކަށަވަރުވެ މުދަލުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
ފުލުހުންގެ މައިގަނޑު އެންމެ މުހިއްމު މަސައްކަތަކީ ޞުލްޙަވެރި، އަމާން އަދި ރައްކާތެރި މުޖުތަމަޢެއް ކަށަވަރު ކޮށްދިނުން ކަމަށް ވުމާއެކު އެއްގަމާއި ކަނޑުގައި ފުލުހުން ދަނީ މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ބުރަ މަސައްކަތާއި ޤައުމީ ޒިންމާ އަދާ ކުރަމުންނެވެ. ޢީދުގެ އުފަލާއި ކުޅިވަރުތަކުގައި މުޅި ރައްޔިތުން ހޭދަކުރާއިރު އެފަދަ ކަންކަމުގައި ފުލުހުންގެ އެހީތެރިކަމާ އެއްބާރުލުން ކައުންސިލްތަކުންނާއި މަދަނީ ޖަމޢިއްޔާތަކުން އަދި ކަމުވޮށިގެންވާ ފަރާތްތަކުން ހޯދަމުންދިޔައީ ފުލުހުންގެ ބައިވެރިވުން އޮތުމަކީ ރައްޔިތުން އެންމެ އެދޭ ގޮތް ކަމަށް ވާތީއެވެ.
ނުވަ ވަރަކަށް ދުވަށް ދެމިގެންދިޔަ މި އުފާވެރި ބަންދުގެ ދުވަސްތައް ފެށުމުގެ ކުރިން ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ވަނީ މުދަލުގެ ރައްކާތެރިކަމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށް ހަނޑަންކޮށްދިނުމުގެ ގޮތުން މާލޭގައި ލުއި ކަރުދާހެއް މާލޭ ސިޓީ ޕޮލިސް ގައި މަސައްކަތްކުރާ ފުލުހުން ވަނީ ބަހާފައެވެ. އަދި ކަނޑުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ކަނޑުމަގުން ދަތުރު ކުރައްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައި މުދަލުގެ ރައްކާތެރިކަން ދަމަހައްޓަން ނަސޭޙަތްތެރިވެ ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑުމަގުން ކުރެވުނު ދަތުރުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް މެރިން ޕޮލިސްގެ ފަރާތުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ވަނީ ކުރިޔަށް ގެންގޮސްފައިވެއެވެ.
ޢީދުގެ އުފާވެރި ދުވަސްތަކާ ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ކުޅިވަރުތައް ކުޅެ އުފާ ފާޅުކުރަމުންދިޔައިރު ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔައީ ފުރިހަމަ އެއްބާރު ލުމަކާއި އެހީތެރިކަމެކެވެ. ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ އފާވެރިކަމާ ފުލުހުންނަށް ދިން އެއްބާރު ލުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ނުރައްކާތެރި އަދި ނުތަނަވަސް ކަމެއް މެދުވެރިވިޔަ ނުދިނުމަށް ކުރެވުނު މަސައްކަތް ރައްޔިތުން ބަލައިގަތްކަމުގެ ހެއްކެކެވެ. މިކަމަށްޓަކައި ލޮބުވެތި ރައްޔިތުންނަށް ފައްފަށުން ޝުކުރު ދަންނަވަމެވެ.
ފުލުހުންގެ ހުރިހާވެސް އެދުމަކީ އަދި އިލްތިމާސް އަކީ ކުޅިވަރުކުޅެ އުފާ ފާޅުކުރާއިރު އަދި މަޖަލުގައި ވަގުތުތައް ހޭދަކުރާއިރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިސްކޮށް ރައްކާތެރިކަމަށް ދޭންވާ ސަމާލުކަން އިތުރު ކުރުމެވެ. އުފާ އުފަލަކަށް ވާނީ އޭރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ