އޭސީ ފެރީގެ ހިދުމަތް އަލުން ފެށޭނީ މިއަދު ހަވީރު: އެމްޓީސީސީ

މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާ އޭސީ ފެރީގެ ދަތުރުތައް ދުވަސްކޮޅަކަށް މެނދުކަނޑާލާފައި އޮތުމަށްފަހު މިއަދު ހަވީރު އަލުން ދަތުރުތައް ފެށޭ ވަރު ވާނެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ލަތީފް ވިދާޅުވީ އެކުންފުނީގެ "ޕްރިމިއާ ލިންކް"ގެ ނަމުގައި ދެމުންއައި އޭސީ ފެރީގެ ހިދުމަތް މިދިޔަ މަހު 25ގައި މެދުކެނޑިފައިވަނީ ހިދުމަތް ދިނުމަށް ބޭނުން ކުރާ ދެ ފެރީއަށް ދިމާވި ޓެކްނިކަލް ބޮޑު މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި މިއަދު އަލުން އެދެފެރީގެ ދަތުރުތައް ފެށިފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ހަބަރު ފެތުރުނު ކަމުގައިވީނަމަވެސް އަދިވެސް މައްސަލަ މުޅިން ހައްލު ނުވާ ކަމަށްވެސް ވިދާޅުވި އެވެެ.
ލަތީފް ވިދާޅުވީ އެ ދެފެރީއަށް ދިމާވި މައްސަލަ މުޅިން ހައްލު ކުރުމަށްފަހު މިއަދު ހަވީރު އަލުން ހިދުމަތް ދިނުމަށް ނެރެވޭތޯ މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުން، އެ ދެފެރީގެ ހިދުމަތް އެމްޓީސީސީން ވަގުތީ ގޮތުން މެނދު ކަނޑާލީ އެ ދެފެރީގެ ޑެގު މަތިން ދަތުރުވެރިންގެ ގަޔަށް ފެން ތިކި ޖަހާތީ އެވެ. ޑެގުން ފެން ފައިބަނީ ޑެގު މަތީގައި ލޯވަޅު ތަކެއް ހުރެގެންނެވެ. އެހެންކަމުން އެލޯވަޅުތައް ބެއްދުމަށް ވަގުތީގޮތުން އެ ދެފެރީގެ ހިދުމަތް އެމްޓީސީސީން މެދުކަނޑާލީ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްޓީސީސީން މިދިޔަ މާޗް މަހު ތައާރަފްކުރި އެ ދެ ފެރީއަކީ 146 މީހުންގެ ޖާގަ ހުންނަ އަދި ކުރީގެ ފެރީ ތަކަށްވުރެ ސްޕީޑް ރަނގަޅު ފެރީތަކެކެވެ. އަދި އޭސީ ފެރީގެ ޓިކެޓުގެ އަގަކީ 10 ރުފިޔާ އެވެ.
ސީސީޓީވީ ކެމަރާ ވެސް ހަރުކޮށްފައިވާ މި ފެރީތަކަކީ އެމްޓީސީސީ އިން މިހާރު ދުއްވާ އާންމު ފެރީތަކަށް ވުރެ އަވަހަށް ދަތުރުކުރާ ފެރީތަކަކަށްވާތީ އޭސީގެ ފިނިކަން ނުވާ ހިސާބުގައި ތިބުމަށް ބައެއް މީހުން ބޭނުންވެދާނެތީ އޭސީ ފެރީތަކުގައި އޭސީގެ ފިނިކަން ނުވާ ގޮތަށްވެސް ބައެއް ވަނީ ހާއްސަކޮށްފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުލް ރަައްޒާގު ހަލީމް މީގެކުރިން ވިދާޅުވެފައި ވަނީ ކޮންމެ އޭސީ ފެރީއަކަށް 4.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މި ފެރީތަކުގައި އިންޖީން އަޅާފައިވަނީ އެމްޓީސީސީ އިން ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އެމްޓީސީސީ އިން ބުނީ އެކުންފުނިން ބޭނުންކުރާ އާންމު ފެރީތަކުގެ ފެންވަރު ރަނގަޅުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެމްޓީސީސީން މިދިޔަ އަހަރު ޑަބަލްޑެކް ފެރީއެއް ވެސް ތައާރަފްކޮށްފައިވާއިރު، މިހާރުވެސް ދަތުރުވެރިންނަށް ގިނަ ދަތިތަކާ ކުރިމަތި ލާންޖެހޭ ކަމަށް ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ބުނެ އެވެ. އެގޮތުން ދާން ބޭނުންވާ ތަންތަނަށް ފެރީގެ ހިދުމަތްތައް ހުންނަ ގޮތުން ގަޑިއަށް ނުދެވޭ ކަމަށްވެސް ވީނިއުސްއާ ވާހަކަ ދެއްކި ހުޅުމާލޭގެ ބައެއް ރައްޔިތުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ