ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވައިލުމަކީ ދިވެހި ރައްޔިތުން ކަތިލުން: އިބްރާހީމް ޙަސަން

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން ގޮވައިލުމަކީ ދިވެހި ރައްޔިތުން ކަތިލުން ފަދަ ކަމެއް ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ޙަސަން މިއަދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވައިލުމަކީ ރާއްޖޭގެ ރައްޔިތުން އިނދަ ޖައްސައިލުން ކަމަށެވެ. އަދި އެކަމަކީ ސިޔާސީ ބޭނުމަކު އެއްވެސް ބައަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"މިއީ އަމިއްލަ ޒާތީކަމުގަ، ވެރިކަމުގެ ދަހިވެތިކަމުގަ އެއްވެސް ބައަކު ކޮށްގެންވާނެ ކަމެއް ނޫން."
އިބްރާހީމް ޙަސަން ވިދާޅުވީ މިއީ ހުރިހައި ދިވެހި ރައްޔިތުންގެ ވެސް ޤައުމު ކަމަށާއި މިއަދު ރާއްޖެއިން ބޭރުގައި ތިބި ނަމަވެސް އެނބުރި ރާއްޖެ އަންނަންޖެހޭނެ ކަމަށެވެ. އަދި ޢާއިލާ ތިބީ ރާއްޖޭގައި ކަމަށެވެ. "ގައިގަ އާރާ ބާރު ހުރި ދުވަހު ބޭނުންކަމެއް ކުރެވިދާނެ. ނަމަވެސް ވާގިނެތޭދުވަހު އަތް ވެއްޓޭނީ ހަމަ އުނގަށް. ޤައުމުގެ އިޤްޠިޞާދަށް ހުރަސްއެޅުމަކީ ޤައުމަށް ވެވޭ ބޮޑު ޚިޔާނާތެއް."
އިބްރާހީމް ޙަސަން ވިދާޅުވީ އެންމެ ބޮޑު އަޅުވެތިކަމަކީ އިޤްޠިޞާދީ އަޅުވެތިކަން ކަމަށްވާއިރު ބަނޑަށްޖެހޭ ވަގުތު އަތުގައި ހުރި ހުރިހައި އެއްޗެއް އަތުން ބީވެގެންދާނެ ކަމަށެވެ.
އިބްރާހީމް ޙަސަން ވިދާޅުވީ ޓޫރިޒަމް ބޮއިކޮޓް ކުރަން މަސައްކަތް ކުރުމަކީ ދިވެހި ޤައުމާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ފަދަ ކަމެއް ކަމަށެވެ. އަދި އެއީ ބޮޑު ޖަރީމާއެއް ކަމަށެވެ.
އިބްރާހީމް ޙަސަން ވަނީ މިފަދަ ޖަރީމާތައް ނުހިންގުމަށް ގޮވައިލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ