ހެނދުނާއި ހަވީރު ވެސް ކޮތަރަށް ކާންދޭން ދާނަން: މީމު ޒަވިޔަނި
ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ޖުމްހޫރީ މައިދާނަށް ވަޑައިގެން ކޮތަރުތަކަށް ކާންދެއްވާނެ ކަމަށް އީކޯކެއާގެ ޗެއާމަން މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ މައިދާނުގައި ކޮތަރުތަކަށް ކާންދިނުން މަނާ ކުރުމުން، އެތަކެތި ބަނޑަށް ޖެހި މަރުވަމުން ދާތީ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވަނިކޮށް، ޒާހިރު މިއަދު ހެނދުނު ވެސް ވަނީ ކޮތަރުތަކަށް ކާންދިނުމަށް ޖުމްހޫރީ މައިދާނަށް ވަޑައިގެންފަ އެވެ. އޭނާ "ސަން"އަށް ވިދާޅުވީ ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ކޮތަރަށް ކާން ދިނުމަށް އޭނާ ޖުމްހޫރީ މައިދާނަށް ވަޑައިގަންނަވާނެ ކަމަށެވެ. "ކޮންމެ ގޮތެއްވިޔަސް އެއީ ﷲ ފުރާނައަޅުއްވާފައިވާ އެއްޗެހި، އެއެއްޗިއްސަށް ކާން ނުދީ ބަނޑަށް ބެހެއްޓުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން،" އެންވައިރޮމެންޓް މިނިސްޓްރީގެ ޑިރެކްޓަރު މަގާމުގައި ހުންނެވި ޒާހިރު މިއަދު ސަން އަށް ވިދާޅުވި އެވެ. ކޮތަރުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފައިވާ އިރު ޒާހިރު ވިދާޅުވީ އެއީ ދާއިމީ ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮތަރަކީ "ނުލާހިކު ނެވިގޭޝަން ރަނގަޅު އެއްޗެއް" ކަމަށާއި އެހެން ކަމުން އެތަކެތި އަނބުރާ އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޒާހިރަކީ ތިމާވެއްޓަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ ޖަމިއްޔާއެއްކަމަށްވާ އީކޯކެއާގެ ޗެއާމަންއެވެ. ތިމާވެއްޓަށް ހިދުމަތް ކުރާ ފަރާތްތަކަށް ޔުނައިޓެޑް ނޭޝަން އިން ދޭ ބައިނަލްއަގުވާމީ އެވޯޑެއް ކަމަށްވާ "ގްލޯބަލް 500" ވެސް އޭނާ ވަނީ ހާސިލް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ