ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން މައުމޫން ނިންމަވައިފި

އަންނަ މަހު 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އެ މަނިކުފާން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރަސްމީ ލެޓާހެޑްގައި މިއަދު ރައީސް މައުމޫން ސޮއި ކުރައްވައި ނެރުއްވާފައިވާ އެއް ސަފުހާގެ ބަޔާނެއްގައި މައުމޫން ވިދާޅުވެފައި ވަނީ \"އަންނަ މާޗް 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އަޅުގަނޑު ބައިވެރިނުވާ ގޮތަށް ނިންމައިފި\"ން ކަމަށެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު \"ކާމިޔާބުކަމާ އެކު ފުރުއްވުމުގެ ފުރިހަމަ ގާބިލިއްޔަތު ހުރި ބޭފުޅުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ އިސް ސަފުގައި އެ ބަތިއްބެވި ކަމަށް އަޅުގަނޑު ގަބޫލު ކުރާ\" ކަމަށެވެ.
މައުމޫން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅެއްގެ އަރިހުގައި ދެމިހުންނަވާނެ ކަމަށާއި އެ ބޭފުޅަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޓަކައި އެ މަނިކުފާނަށް ކޮށްދެވުނު ކޮންމެ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.
ޕީޕީއެމްގެ ރައީސް ވިދާޅުވީ އެ މަނިކުފާނު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެއްވި އަސް، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރެއްވުމަށް ޓަކައި ދެމި ހުންނަވާނެ ކަމަށެވެ.
މައުމޫން ވިދާޅުވެފައި ވަނީ އެ މަނިކުފާން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެކި ގޮތް ގޮތުން ގުޅުއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވާ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތި ލެއްވުމަށް ސިޓީ ހުށަހެޅުމުގެ މުއްދަތު ހަމަވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެ ޕާޓީން ބުނީ އަދި މިހާތަނަށް އެއްވެސް ބޭފުޅަކު ނޮމިނޭޝަން ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.
ނަމަވެސް އެ ޕާޓީގެ ޕާލެމެންޓް ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ