ރަށްތަކުގައި ހުޅުޖެހި މީހުންނަށް އަދަބު ދިނުން އަވަސްކުރުމަށް އުމަރު ގޮވާލައްވައިފި

ފެބުރު އަރީ އަށް ވަނަ ދުވަހުގެ އައްޑުއާއި ބައެއް ރަށްރަށުގައި ހުޅުޖެހި ހާދިސާގައި ޝާމިލްވާ ފަރާތްތަކަށް ގާނޫނީ ގޮތުން ދޭން ޖެހޭ އެންމެ ހަރުކަށި އަދަބު ވީހާ ވެސް އަވަހަށް ދިނުމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ގޮވާލައިފި އެވެ.
ޕީޕީއެމުން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ވިދާޅުވީ އެފަދަ ނުރައްކާތެރި ހާދިސާތައް ހިންގާފައިވާ ބައެއްގެ މައްސަލަ ތިން މަސް ފާއިތުވެގެން ދިޔައިރު ނުބެލި ދިގުދެމިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ މައްސަލަތައް ނުބެލި ފަހަތަށް ދާންވެއްޖެ ނަމަ ގައުމު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"ރާއްޖޭގެ އެތައް ތަނެއްގައި އަލިފާންރޯކޮށް 70 އަށް ވުރެ ގިނަ ވެހިކަލްތައް ރާއްޖޭގެ އެތައް މިތަނުގައި އަންދާލިތާ ތިން މަސްފާއިތުވެގެން ދިޔައިރު އަދިވެސް އެއްވެސް އަދަބެއް ނުދެވޭ. މިއިކީ ގައުމެއް އަޅުގަނޑުމެންނަށް ކުރިއަށް ގެނެދެވޭނެ ގޮތެއްނޫން. އަދަބު ނުދެވިގެން އެއުޅެނީ ކިހިނެއްވެގެންތޯ ޑިމޮކްރަސީ ބޮޑުވެގެންތޯ؟ ހިއުމަންރައިޓްސް ބޮޑުވެގެންތޯ؟ އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ މިވަރުގެ ބޮޑު ދައުލަތަކަށް އެކަން ނުކުރެވެންވީ ސަބަބެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަށެއް ފެބުރުއަރީގެ ހާދިސާގައި މުޅި ދައުލަތަށް 200 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއް ދިން އެއްވެސް މީހަކަށް މިހާތަނަށް އަދި ހުކުމެއް އިއްވިފައި ނެތުމަކީ ވަރަށް ކަން ބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ހުޅުޖެހުމުގެ ހާދިސާގައި ހިންގި ފަރާތްތަކާ މެދު ޝަރީއަތް ހިންގީ ރޭގަނޑު ދަންވަރު ކޯޓްތައް ހުޅުވައިގެން ކަމަށާއި 1000 މީހުންގެ މައްޗަށް ހުކުމް އިއްވި ކަމަށެވެ.
"ލަންޑަނުގެ ކޯޓްތައް ދަންވަރު ހުޅުވި، ހުކުމް އިއްވި ޖުމުލް 1000 މީހުންގެ މައްޗަށް. ހައްޔަރުކުރި މީހުންގެ އަދަދު 3100 އަރާ. 1000 މީހުންގެ މައްޗަށް ހުކުމް އިއްވުމުގައި އާދައިގެ ކޯޓަކަށް ގެންގޮސްގެން ހުކުމް ނީއްވާނެތީވެ ސީދާ އެންމެ މަތީ ކޯޓަށް ގެންގޮސްވެސް ހުކުމް އިއްވި،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ހުޅުޖަހާފައި ރަށްތައް ހަލާކުކޮށްލި އިރު އެކަމަށް ފިޔަވަޅެއް އަޅައިފި ނަމަ އެމީހަކީ ހަރުކަށި މީހެއް ކަމަށް ލޭބަލް ކޮށްފާނެ ކަމަށް ހީކޮށް، އެކަމަށް ފަސްޖެހޭ ތަން ފެންނަ ކަމަށާއި ނަމަވެސް ރާއްޖޭގައި ވެސް ކުށްކުރާ ފަރާތްތައް ހުއްޓުވުމަށް ޓަކައި ގާނޫނު ބުނާ އެންމެ ހަރުކަށި އަދަބު ދިނުމުގެ ވަގުތު އައިސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމު އިގްތިސާދު ކުރިއެރުމަށް ޓަކައި ވެސް ބޭނުންވޭ އަމަން އަމާންކަން ގާއިމްކުރުން. ސިއްހީ ދާއިރާ ކުރިއަށް ގެންދިއުމަށް ޓަކައި ވެސް އަމަން އަމާން ކަން ގާއިމްކުރަން ޖެހޭ ހުރިހާ ދާއިރާއެއް ކުރިއަށް ގެންދިއުމަށް ޓަކައި އަމާން އަމާން ކަން ގާއިމް ކުރަން ޖެހޭ، އަދި ބޭރުން އަންނަ އިންވެސްޓަރުންނަށް ޔަގީން ވާން ޖެހޭ މިއަގުމަކީ އަމާން ގައުމެއްކަން." އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ މަގުތައް އަމާން ތަނަކަށް ހަދަން ބޭނުން ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭކަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮށްފައިވާ ކުށްތަކަށް ހައްގުއަދަބު ދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ