ފޯޅަވަހީގެ ރައްޔިތުންނަށް އަނބުރާ އެމީހުންގެ ރަށްތަކަކަށް ނުދެވޭނެ- އިނގިރޭސި ސުޕްރީމް ކޯޓު

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރައްޔިތުންނަށް އަނބުރާ، ފޯޅަވައްސަށް ނުދެވޭނެކަމަށް އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މީގެ 40 އެއްހާ އަހަރުކުރިން، އެ ރަށުގައި އެމެރިކާ އަސްކަރިއްޔާގެ ބޭސްއެއް ގާއިމުކުރުމަށް ފޯޅަވަހީގައި ދިރިއުޅެމުންދިޔަ މީހުންވަނީ އެ ރަށްތަކުން ބާލާފައެވެ. އެ ރަށުން އެ މީހުން ބޭލުމަށްފަހު، އަލުން އިނގިރޭސިވިލާތުން ބޯހިޔާވަހިކަން ފޯރުކޮށްދިންކަމުގައިވިޔަސް، އަބަދުވެސް ފޯޅަވަހީގެ ރައްޔިތުންގެ ގެންދަނީ އެ ނިންމުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ފޯޅަވަހީގެ ރައްޔިތުން، އެ މީހުން އަސްލު ވަޒަނަށް ދިޔުމުގެ މަސައްކަތްތައް އެކި ގޮތްގޮތުންކޮށްފައިވާއިރު 1971 ވަނަ އަހަރުވަނީ ފޯޅަވައްސަށް އެ ރަށުން ގެނައި އެއްވެސް މީހަކަށް ނުދެވޭނެކަމަށް ކަނޑައަޅައި އިމިގްރޭޝަން އޯޑަރެއްވެސް ނެރެފައެވެ.
އޭގެފަހުން އެ ރަށުގެ ރައްޔިތުންނަށް އަނބުރާ ފޯޅަވައްސަށް ނުދެވޭނެކަމަށް 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯރޑްސްއިންވެސް ނިންމާފައިވެއެވެ. އިނގިރޭސި ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވަނީ މި ނިންމުމަށެވެ.
އިނގިރޭސި ސުޕްރީމް ކޯޓުގެ ނިންމުމާއި ބެހޭގޮތުން ފޯޅަވަހީގެ ކުރީގެ ރަށްވެހިންގެ ހައްގުގައި މަސައްކަތްކުރާ ފަރާތެއްކަމަށްވާ އޮލީވިއާ ބެންކޫލްޓް ބީބީސީއަށް ބުނެފައިވަނީ ކޯޓުން ނިންމި ނިންމުން އަނބުރާ ގެންދަން ޖެހޭނެކަމަށެވެ.
މިހާރު އިސްތިއުފާ ދެއްވަން ނިންމަވައިގެން ހުންނެވި އެ ޤައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއަށްވެސް ފޯޅަވަހީގެ މައްސަލައާއި ގުޅޭގޮތުން ބޮޑެތި ސުވާލުތަކެއް މީގެކުރިން ކުރިމަތިކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ