ހައްޔަރުކުރުމުގައި ނަޝީދު ޒިންމާ ނަގަން ޖެހޭ ކަން މިނިސްޓަރުންގެ ވާހަކައިން އެނގޭ – އަބްދުﷲ ގާޒީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޒިންމާ ނަގަން ޖެހޭކަން ބަންދުކޮށްފައި ހުރިއިރު ބައްދަލުކުރެއްވި ސަރުކާރުގެ މިނިސްޓަރުންގެ ވާހަކައިން ދޭހަވާކަމަށް އަބްދުﷲ ގާޒީ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް މިރޭގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ގާޒީ ވިދާޅުވީ ބަންދުގައި ހުންނެވިއިރު އޭރުގެ ޔޫތު މިނިސްޓަރ އާއި ޑިފެންސް މިނިސްޓަރ އާއި އިބްރާހިމް ހުސެއިން ޒަކީ އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށް ގިރިފުށްޓަށް ވަޑައިގެންނެވި ކަމަށެވެ.
އަދި ބަންދު ކުރީ ސީދާ ރައީސް ނަޝީދުގެ އަމުރަށް ކަމަަށް އެބޭފުޅުން ވިދާޅުނުވި ނަމަވެސް، ބޭފުޅުންގެ ވާހަކައިން އެއީ އެބޭފުޅުންނަށް ވުރެ މަތީ ފަރާތަކުން ކޮށްފައިވާ އަމުރެއް ކަން އެނގޭ ކަމަށް އަބްދުﷲ ގާޒީ ޝަރީއަތުގައި ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ބަންދު ކުރެވިފައި ވަނީ ކީއްވެތޯ ސުވާލު ކުރެއްވުމުން އެބޭފުޅުންނަށް އެކަމަށް ޖަވާބުދާރީ ވެވިފައި ނުވާކަމަށެވެ.
ޝަރީޢަތް ފެއްޓެވުމުގެ ގޮތުން ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ ވަނީ ހާދިސާ ހިނގާ ދިޔަގޮތް ޝަރީޢަތަށް ސާފުކޮށްދެއްވުމަށް އަބްދުﷲ ގާޒީ ކިބައިން އެދިވަޑައިގެންފައެވެ. ކަން ހިނގާ ދިޔަގޮތް ކިޔައިދެއްވަމުން އަބްދުﷲ ގާޒީ ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިންގެ ޔުނީފޯމް އަޅައިގެން، މޫނު ނިވާކޮށްގެން ތިބި ބަޔަކު ކޯޓު އަމުރެއް ނެތި އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަދެ ގަދަކަމުން އަތުގައި ހިފައިގެން ދަމާފައި ގެންދިޔައީ ކަމަށެވެ.
އަދި ކޯޓު އަމުރު ކޮބައިތޯ އާއި ހައްޔަރު ކުރެވެނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކުރެއްވުމުން ސިފައިން އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދެއްވާފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.
މެންދަމުގެ ވަގުތުގައި ގަދަކަމުން ގެންދިޔައީ ކޮން ރަށަކަށް ކަމުގައި އެނގިވަޑައިނުގަންނަވާ ކަމަށާއި، ގެންދެވުނީ ގިރިފުށްޓަށް ކަން އެނގިވަޑައިގަތީ އަނެއް ދުވަހު ކަމަށް އަބްދުﷲ ގާޒީ ވިދާޅުވިއެވެ.
އަބްދުﷲ ގާޒީ ވިދާޅުވީ ގިރިފުށީގައި ހުރި އިމާރާތެއްގެ އިރު އުތުރު ފަރާތުގެ ކޮޓަރިއެއްގައި ބަހައްޓާފައި ހުރި އިރު، އެންމެ ކުޑަމިނުން ބަންދުގައި ހުންނަ މީހަކަށް ލިބިދޭން ޖެހޭ ވަކީލަކު އައްޔަން ކުރުމުގެ ހައްޤުވެސް ލިބިދީފައި ނުވާކަމަށެވެ. އަދި މިހާތަނަށްވެސް އެ ޙައްޤު ލިބިވަޑައިގެންފައި ނުވާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުގެ ވަރަށް ގިނަ ޙައްޤުތަކެއް ވަނީ އެކަމުގެ ސަބަބުން ގެއްލިފައި." އަބްދުﷲ ގާޒީ ވިދާޅުވިއެވެ.
އަބްދުﷲ ގާޒީގެ ވާހަކަތަކަށް ފަހު ޝަރީޢަތުން ވަނީ ރައީސް ނަޝީދަށްވެސް ފުރުސަތު އަރުވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ބޭނުންވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ