ޝަރުޢީ ދާއިރާގެ އިސް އިދާރީ މުވައްޒަފުން އައްޔަންކުރާނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށް ކަނޑައަޅައިފި

ޝަރުޢީ ދާއިރާގެ އޮނިގަނޑުގައި ހިމެނޭ ޑިރެކްޓަރު ޖެނެރަލަށްވުރެ މަތީ މަގާމުތަކަކީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މަގާމުތައް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި އެކަން މިރޭ އިއުލާން ކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިރޭ އާންމުކުރި ޝަރުއީ ދާއިރާގެ އެންމެ އިސް އިދާރީ މަގާމުތަކަށް މީހުން އައްޔަން ކުރުމާ ބެހޭ އުސޫލުގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް އަދުލު އިންސާފު ލިބި ދިނުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން އަދާ ކުރަންޖެހޭ ދުސްތޫރީ މަސްއޫލިއްޔަތުތައް އަދާ ކުރަމުންދާނީ އެއްވެސް ފަރާތެއްގެ ފިއްތުމެއް ނެތި މިނިވަން ކަމާއި މުސްތަގިއްލު ކަމާއެކުގައިކަން ކަށަވަރު ކުރުމަށްޓަކައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އިދާރީ އޮނިގަނޑު އަލުން މުރާޖާކޮށް އިދާރީ މަސައްކަތްތައް އަލުން ހަރުދަނާ ކުރަންޖިފައިވާ ކަމަށް ސްޕްރީމް ކޯޓަށް ފެނުނު ކަމަށެވެ.
"އެގޮތުން ގާނޫނު އަސާސީ އާއި ގާނުނުތަކުގެ ބެލެނިވެރިފަރާތުގެ ހަސިއްޔަތުން ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 144 ވަނަ މާއްދާ އާއި 156 ވަނަ މާއްދާ އިން ސުޕްރީމް ކޯޓަށް ބާރު ލިބިދޭ އިހުތިޔާރާއި ބާރުތަކުގެ މައްޗަށް ރިޔާއަތްކޮށް އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން"  ޑިރެކްޓަރ ޖެނެރަލް އަށް ވުރެ މަތީގެ މަގާމުތަކަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އެގޮތަށް ކަނޑައަޅާ މަގާމުތަކެއް ކަމުގައި ހަމަޖެއްސެވީ ކަމަށް އާއުސޫލުގައި ވިދާޅުވެފައި ވެއެވެ.
އިދާރީ އިސް މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ވަކި ދާއިރާއަކުން ހާސިލްކޮށްފައިވާ ތައުލީމީ ފެންވަރަށާއި ތަޖުރިބާ އާއި އެމީހެއްގެ ފަރާތުން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ލިބިދާނެ ކަމަށް ފެންނަ ޚިދުމަތުގެ ފެންވަރަށާއި އިސް ނެގުމަށާއި ލީޑަޝިޕާއި ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއި ކުރިން އަދާ ކުރި ވަޒީފާތަކުގައި ނަތީޖާ ހާސިލްކޮށްފައިވާ މިންވަރަށާއި ދައުލަތުގެ އެކި މަގާމުތަކުގައި އިހުލާސްތެރި ކަމާއި ހުނަރުވެރި ކަމާއެކު މަސައްކަތްކޮށްދީފައިވާ ވުމާއި މުއްދަށާއި ބާވަތަށް ބަލާނެ ކަމަށާއި އޭގެ ތެރޭގައި ދިވެހި ސަރުކަރު ގަބޫލު ކުރާ ޔުނިވާސިޓީއަކުން ތައުލީމް ހާސިލްކޮށް ފުރަތަމަ ޑިގްރީ ހާސިކޮށްފައިވުން ވެސް ހިމެނޭ ކަމަށް ސްޕްރީމް ކޯޓުން އެކުލަވާލެއްވި އާއުސޫލުގައި ވެއެވެ.
މީގެ އިތުރުން ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުން އެނެގޭކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އިންޓަވިއު ޕެނަލްގައި ސާބިތުކޮށްދިނުމާއި ސަރުކާރުގައި ނުވަތަ ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ބައިނަލް އަގުވާމީން ފެންވަރުގެ ޖަމިއްޔާ ޖަމާއަތެއްގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައިވުމާއި އެކަންކަން ސުޕްރީމްކޯޓުގެ ފަނޑިޔާރުން ކަނޑައަޅާ އިންޓަވިއު ޕެނަލަށް ސާބިތުކޮށް ދޭންޖެހޭނެ ކަމަށް ވެސް އާއުސޫލުގައި ކަނޑައަޅާފައި ވެއެވެ.
ތަފާތު ގިންތީގެ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރުމުގެ ތަޖުރިބާ ހުރުމާއި ޝަރުއީ ދާއިރާއިން ކުރިމަތިލާ މަގާމުގެ ޕްރޮފެޝަނަލް އަދި ފަންނީ މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގެ ލީޑަޝިޕް ދައުރު އަދާ ކުރެވިދާނެ ކަމުގެ ގާބިލުކަން ހުރިކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށް ދިނުމައި  ކުރިމަތިލާ މަގާމުގެ ދާއިރާއިން ލަފާ ދިނުމުގެ ގާބިލު ކަމާއި ގައުމީ އަދި ބައިނަލް އަގުވާމީ ފޯރަމްތަކުގައި ތަމްސީލު ކުރުމުގެ ގާބިލުކަން ޕެނަލަށް ސާބިތުކޮށްދިނުމަކީ ވެސް މަގާމަށް އައްޔަން ކުރުމުގައި ރިއާޔަތް ކުރާނެ ކަންތައްތައް ކަމަށް އާއުސޫލުގައި ބަޔާން ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ