ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ "ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ" ގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން އެ ކޮމިޝަނުގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރެއްވީ ބ.އޭދަފުށި، ދިގަލި މަޢުޞޫމާ ޔޫސުފްއެވެ. މައުސޫމާ އެ މަގާމަށް އައްޔަން ކުރެއްވީ އެ ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމުގައި ހުންނެވި ދަފްތަރު ނަންބަރު 5095، ޚަދީޖާ ޙުސައިން މިއަދު ކޮމިޝަނުގެ މެމްބަރު ކަމުން ވަކި ކުރެއްވުމަށްފަހުއެވެ.
އެ ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒާއި، ޑރ. އިބްރާހިމް މަހުފޫޒް އަދި ގާނޫނީ ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.
އެސެޓްސް ރިކަވަރީ ކޮމިޝަނަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓުތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހުރިކަމަށް ކަނޑައަޅުއްވާފައިވާތީ، ދައުލަތަށް ގެއްލުންވެފައިވާ އެ ފައިސާތައް ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތްތައް މުސްތްޤިއްލުކަމާއެކު ބެލުމަށާއި، އެ ފައިސާތަކުގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެކަށީގެންވާ ފިޔަވަޅު އަޅައި، އެ ފައިސާތައް ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ކޮމިޝަނެކެވެ.
މިދިޔަ މޭ މަހުގެ 22 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން މި ކޮމިޝަނުގެ މުއްދަތު އިތުރުކުރިއިރު، ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 29.7 ބިލިޔަން ރުފިޔާ އަށް އަރާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ރިކަވަރީ ކޮމީޝަނުން ބަލަމުންދާ ބޮޑެތި މައްސަލަތަކުގައި ތެރޭގައި އެއަރ މޯލްޑިވްސްގެ މައްސަލައާއި އެމްއެމްޕީއާރުސީގެ މައްސަލަ ހިމެނެއެވެ.
އެ ކޮމިޝަނަށް ލިބޭ މައުލޫމާތުތައް ރައިސުލްޖުމްހޫރިއްޔާ އަށާއި ފިނޭންސް މިނިސްޓްރީ އަށާއި ޕޮލިހަށާއި ބަންޑާރަ ނައިބުގެ އިތުރުން އޮޑިޓާ ޖެނަރަލަށާއި ޕްރޮސިކިއުޓާ ޖެނަރަލަށްވެސް ހުށަހަޅުއްވަން ޖެހެއެވެ.
އެސެޓްސް ރިކަވަރީ ކޮމިޝަނުގެ މެމްބަރު ކަމަށް މަޢުޞޫމާ ޢައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ