ކޯލިޝަނަށް އަދި ކާމިޔާބު ކުރެވުނީ މަސައްކަތުގެ އެއްބައި: މައުމޫން

ޕީޕީއެމް ކޯލިޝަނުން ކާމިޔާބު ކާމާއެކު ނިންމި ރިޔާސީ އިންތިހާބުގެ މަސައްކަތަކީ، ކޯލިޝަނުން ކުރަން އޮތް މަސައްކަތުގެ އެއް ބައި ކަމަށާއި ކުރިއަށް އޮތް ދެ އިންތިހާބު ކާމިޔާބު ކުރުމަކީ ވެސް އެ ކޯލިޝަންގެ އެންމެ ބޮޑު މަސައްކަތް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހިންގާ ޕީޕީއެމް ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް ކާނިވަލުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން މިރޭ ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވޭނީ ކޯލިޝަން ޕާޓީތަކުގެ "ވަރުގަދަ" އެއްބާރުލުމާއި ތާއިދު ލިބިގެން ކަމަށެވެ. އެ މަސައްކަތުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވެވަޑައިގަތުމަށް ރައީސް މައުމޫން ވަނީ މިރޭ ގޮވާލައްވާފަ އެވެ.
"އަޅުގަނޑު މިރޭ މިކުރާ އިލްތިމާސަކީ ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންދެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ވޭތުވެދިޔަތާންގައި މި ކުރި މަސައްކަތުގެއް އެއްބައި ކަން ދެކެވަޑައިގަތުން. އަޅުގަނޑުމެން ކާމިޔާބުކަމާއެކު ނިންމި މަސައްކަތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުން،" ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާގެ (ނޣޢވ) ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް "މާލިމީން"ގެ ގޮތުގައި ޕީޕީއެމް ކޯލިޝަންގައި ތިބި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އަދަލާތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ އިތުރުން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްފަދަ ބޭފުޅުންނާއެކު "މަންޒިން މަގްސޫދަށް" އެއްވެސް ޝައްކެއް ނެތް ގޮތުގައި ދެވޭނެ ކަމަށެވެ.
"އެ ބޭފުޅުންނަކީ މި ދަތުރަން އެންމެ އެކަށީގެންވާ އެންމެ ހުނަރުވެރި، އެންމެ ތަޖުރިބާ ހުރި މާލިމީން. އެ މާލިމީން އަޅުގަނޑުމެންނާއެކު ކުރައްވާ ދަތުރަކީ ޝައްކެއް ނެތް ގޮތުގައި ކާމިޔާބު ދަތުރަކަށްވާނެ. އަޅުގަނޑުމެން ބޭނުންވާ މަންޒިން މަގްސޫދަށް އެއްވެސް ޝައްކެއް ނެތް ގޮތުގައި މާތްﷲ ވާގިފުޅާއެކުގައި ވާސިލް ވެވޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމިންގެ ސަރުކާރަށް މިއަދު 51 ދުވަސް ފުރުމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ގައުމުގައި މިހާރު ސުލްހަމަސަލަސްކަން ގާއިމް ކުރެވިއްޖެ ކަމަށާއި އެކަމުން އެނގިގެންދަނީ ރައީސް ކަމަށް އިންތިހާބު ކުރީ އިންތިހާބު ކުރަންޖެހޭ މީހާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރައީސްކަމާ ހަވާލުވެވަޑައިގެން ފަހުން މި ހިނގަނީ 51 ދުވަސް. މި 51 ދުވަސްތެރޭގައި ރާއްޖެ ވަރަށް ބޮޑު ކުރި އެރުމެއް ދެކެފި. ރާއްޖޭގައި އަމަންއަމާންކަން ގާއިމްވެއްޖެ. ސުލްހަމަސަލަސްކަން ގާއިމްވެއްޖެ. ރާއްޖޭގައި މިހާރު އެއްވެސް ކަހަލަ ނާމާން ކަމެއް، މަގުތަންމަތީގައި ވެސް އެހެން ތަނެއްގައި ވެސް ނެތް. މާލެއަކު ވެސް ރާއްޖެ ތެރެއަކު ވެސް ނެތް. މިއީ މާތްﷲގެ ވަރަށް މަތިވެރި ނިއުމަތެއް، މިކަމުން މި އިނގެނީ އަޅުގަނޑުމެން އިންތިހާބު މިކުރީ، އިންތިހާބު ކުރަންޖެހޭ ކެންޑިޑޭޓުކަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމް ކޯލިޝަނުން ބޭނުން ކުރާ މޮޓޯއަކީ "މަގޭ ހިއްސާ ތަރައްގީ ޔަގީން" އެވެ. ޕީޕީއެމް ކޯލިޝަންގެ ޖަލްސާގައި ރައީސް ޔާމިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ