މާނެންފުއްޓަށް ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލް : ހައި ކޯޓު

ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ މާނެންފުށި ޕްރައިވެޓް ލިމިޓެޑަށް ޓުއަރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ، މާނެންފުށީގެ އެއްބަސްވުން ބާތިލް ކުރުމަށް ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް އަމުރު ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންނި ނިންމުން ބާތިލް ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.
ސިވިލް ކޯޓުން މާނެންފުށިން އެދުނު ވަގުތީ އަމުރު ނެރެދީފައި ނުވަނީ، އެ އަމުރު ނެރެދީފިނަމަ ދައުވާގެ އަސްލު މައުޟޫއަށް ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ބުނެއެވެ.
އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރި އަމުރު މާނެންފުށި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު މައްސަލައިގައި ގޮތެއް ނިންމައި ހައި ކޯޓުން ބުނެފައި ވަނީ މާނެންފުށިން ވަގުތީ އަމުރުގައި އެދިފައިވާ ކަންކަމުގެ ސަބަބުން ދައުވާގެ އަސްލު މައުޟޫއަށް ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެންނަ ކަމަށެވެ.
އަދި މި މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެދީފި ނަމަ، މާނެންފުށީ ޕްރައިވެޓް ލިމިޓެޑަށްވާ ގެއްލުން މި އަމުރު ނެރެދީގެން ދައުލަތަށްވާ ގެއްލުމަށްވުރެ މާބޮޑު ކަންވެސް ހައިކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.
ޓުއަރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލް ކޮށް އެ ނިންމުމަށް އަމަލު ކުރުން ފަސް ކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެދީފައި ނުވި ނަމަވެސް، އެ ކުންފުނިން މި މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ ގޮތެއް ނިންމައިދޭން ޖެހޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި މައްސަލަ ނިންމާއިރު ހައިކޯޓުން މިއަދު މި މައްސަލަ ނިންމި ގޮތުގެ ގަޒިއްޔާއަށް ރިއާޔަތް ކުރުމަށް ވެސް ވަނީ އަންގާފައެވެ.
މާނެންފުށީގެ އިތުރުން ގާސިމަށް ދޫކޮށްފައިވާ އިތުރު ބައެއް ރަށްތަކުގެ އެގްރިމެންޓް ވެސް ސަރުކާރުން ބާތިލްކޮށްފައިވާއިރު، އެއަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރަށްވެސް އެ ކުންފުނިތަކުން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅާފައެވެ. މި މައްސަލަތައްވެސް މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ