އަރްހަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އާތިފް ކޯޓުން ދޫކޮށްލައިފި

2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެރޭ ފަތިހު ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ހއ. ހޯރަފުށި، ނޫރީގެ މުޙައްމަދު އަރުޙަމް (16އ) ގެ މަރުގެ މައްސަލައިގެ ދައުލަތުން ދައުވާ އުފުލާފައިވާ މއ. ސީނަރީވިޔު އާތިފް ރަޝީދު ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން އާތިފް ދޫކޮށްލާފައި މިވަނީ ކުރިން އެ މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ މުހުތާޒު ފަހުމީގެ ބަދަލުގައި އެ މައްސަލަ ބެއްލެވުމަށް ގާޒީ އަބްދުﷲ ދީދީ ހަވާލުވެލެއްވިތާ ދެތިން ދުވަހުގެ ތެރޭގައެވެ.
އެ މައްސަލަ ކުރިން ބެއްލެވި ގާޒީ ބަދަލުކޮށްފައި ވަނީ ގާޒީ ބަދަލުކޮށްދިނުމަށް އެދި އާތިފްގެ އާއިލާއިން އެދުމުން ކަމަށް ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓުން އާތިފް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތުމުންނެވެ.
މި މައްސަލަ ބެއްލެވި ގާޒީ ބަދަލުކޮށް، އާތިފް ދޫކޮށްލާފައި ވާއިރު މި މައްސަލައިގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހާއި ދިފާއުގައި ހުށަހެޅި ހެކީންގެ ހެކިބަސް ވެސް މީގެކުރިން ވަނީ ނަގާފައެވެ.
މި މައްސަލައިގައި އާތިފް ދޫކޮށްލާފައި ވާއިރު، މި މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީޢަތުގައި ދައުވާ ލިބޭ މީހުންގެ ފަރާތުން ހާޒިރުވެފައި ވަނީވެސް އެހެން ވަކީލެކެވެ. އަދި ދައުވާ ލިބޭ މީހުންގެ ޝަރީޢަތް ނުނިމި، ގިނަދުވަސްތަކެއް ވާތީ އެމީހުން ގޭ ބަންދަށް ބަދަލުކޮށް ދިނުމަށްވެސް ވަކީލް ވަނީ އެދިފައެވެ.
ނަމަވެސް ދައުލަތުން ބުނެފައިވަނީ ފުލުހުންގެ ބަންދު ނޫން އެހެން ބަންދަކަށް އެމީހުން ބަދަލުކުރުމަށް ދައުލަތުން ބޭނުންނުވާ ކަމަށެވެ.
އަރުހަމް މަރާލާފައި ވަނީ 2012 އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭ ފަތިހު ގާތްގަނޑަކަށް 4:45 އެހާކަންހާއިރު ލޮރެންޒޯ ޕާކްތެރޭގައި ހުއްޓައެވެ.
އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މއ. ސީނަރީވިޔު އާތިފް ރަޝީދާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ އިތުރުން ލ. މާވަށް އަސަރީގޭ މަންސޫރު ޔޫސުފާއި ހަމަ އެރަށު އެވާބްލޫ މުހައްމަދު ވިސާމް ގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ