އެލްޖީއޭގެ ރައީސްކަމުން އުމަރު ނަސީރު ވަކިކުރެއްވުމަށް ކައުންސިލަކުން ގޮވާލައިފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އުމަރު ނަސީރު އެލްޖީއޭގެ ރައީސްކަމުން ވަކި ކުރެއްވުމަށް ގދ. ތިނަދޫ ކައުންސިލުން ގޮވާލައިފިއެވެ.
ތިނަދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަ ކައުންސިލަރުން ސޮއިކުރައްވާ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މެއި އެއްވަނަ ދުވަހު މާލޭގައި ތިބި ކައުންސިލަރުންގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ކައުންސިލްތަކަށް އަންގާފައިވާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ.
އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން އެފަދަ އެންގުމެއް އުމަރު ނަސީރަށް ނޭންގޭނެ ކަމަށާއި ކައުންސިލަރުންނަކީ ރައްޔިތުންގެ އަޑުއުފުލާ ބަޔަކަށްވެފައި ރައްޔިތުންނަށް ދިމާވެފައިވާ އަނިޔާވެރިކަމާއި ދެކޮޅަށް ޝުއޫރު ފާޅުކުރާ އެއްވުމެއްގައި ބައިވެރިވުމަކީ އުމަރު ނަސީރު ކަންބޮޑުވެ ވަޑައިގަންނަވަންޖެހޭ ކަމެއް ނޫން ކަމަށް ބަޔާނުގައިވެއެވެ.
އަދި އުމަރު ނަސީރުގެ ސިޓީއަކުން ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ މިނިވަންކަމާ ހައްގުތައް ހަނިކޮށް ހިފަހައްޓާ ނިގުޅައިގަތުމުގެ ބާރެއް ނޯންނާނެ ކަމަށް ބަޔާނުގައިވެއެވެ.
"ގާނޫނޫ އަސާސީއިން ލިބިދީފައިވާ އެއްވެސް ހައްގެއް ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންކަން ގާނޫނޫ އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވޭ." ތިނަދޫ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.
ތިނަދޫ ކައުންސިލްގެ ބަޔާނުގައި އިތުރަށް ވަނީ ގާނޫނު އަސާސީ އާއި ހިލާފު އެންގުންތައް އަންގާ ކައުންސިލްތަކުގެ ބާރުކުޑަކޮށް ކައުންސިލަރުން ބިރުގެންނެވުމުގެ ގޮތުން ނެރެވޭ އެންގުންތައް ހަރުއަޑުން ކުށްވެރިކުރާ ކަމަށާއި އެފަދަ ޣައިރު ގާނޫނީ އަމަލު ނުކުރެއްވުމަށް އުމަރު ނަސީރުގެ ކިބައިން އެދިވަޑައިގަންނަވާ ކަަަމަށެވެ.
މީގެއިތުރުން އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން އުމަރު ނަސީރު ހުންނަވާ ކައުންސިލްތަކުގެ ކުރިއެރުމަށް އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ތިނަދޫ ކައުންސިލްގެ ބަޔާނުގައިވަނީ ނާތަހުޒީބު ދަށުދަރަޖައިގެ ޣައިރު ގާނޫނީ އަމަލުތަކުގެ ސަބަބުން މުޅި އެލްޖީއޭއަށް ހުތުރުނަމާއި މަލާމާތް ރައްދުވާތީ އެކަމާއި ހިތާމަކުރާ ކަމަށް ބުނެ އެލްޖީއޭ އަދާކުރަންޖެހޭ މުހިންމު ދައުރު އެންމެ ފުރިހަމައަށް އަދާކުރުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ