77 ޖަނަރޭޓަރާއެކު ކަރަންޓުގެ މައްސަލަ ހައްލުވާނެ: ނިމާލް

މިހާރު ރާއްޖެއަށް ގެނެސްފައިވާ 77 ޖެނެރޭޓަރާއެކު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ރަށްރަށުން ކަރަންޓު ކަނޑައިގެންދާ މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
ނިމާލް މިހެން ވިދާޅުވީ 77 ޖަނަރޭޓަރު ރާއްޖެއަށް ގެނެސް އެ ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވުމަށް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތާއި ގުޅޭގޮތުން މިއަދު މީޑިޔާއާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ނިމާލް ވިދާޅުވީ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 77 ޖެނެރޭޓަރު މިހާރު މާލެ ގެނެވިފައިވާތީ މާދަމާރޭ ރައީސް ޔާމީން ޝަރަފްވެރިކޮށްދެއްވާ ރަސްމިއްޔާތެއްގައި މި މަޝްރޫއު ރަސްމީކޮށް ފެށޭނެ ކަމަށެވެ. އަދި މާދަމާ ރޭގެ ރަސްމިއްޔާތަށް ފަހު ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފެށޭނެ ކަމުގައިވެސް ނިމާލް ވިދާޅުވި އެވެ.
"މިހާރުވެސް ކަރަންޓު ކަނޑައިގެންދިޔަ ނިސްބަތް ކުޑަވެފައިވޭ، ހާއްސަކޮށް ޓެކްނިކަލް މައްސަލަތައް،" ނިމާލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު ގިނަ ފަހަރަށް ކަރަންޓު ކަނޑާލާފައި ހުންނާނީ ހަމައެކަނި އަޑީތެޔޮ ބަދަލުކޮށް، ކުދިކުދި މަރާމާތުކުރަން ކަމަށާއި އެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމާލުމަށްފަހު ކަރަންޓު އަލުން ދެވޭ ކަމަށެވެ.
މިހާރު ހުރި ކަރަންޓު ވިއުގައަށް އެއްވެސް މަސައްކަތެއް ކުރަންޖެހިއްޖެ ހާލަތެއް ދިމާވެއްޖެނަމަ، އަލަށް އިތުރުކުރެވޭ ޖަނަރޭޓަރުތަކުގެ ސަބަބުން ކަރަންޓު ނުކެނޑި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގައި ނިމާލް ވިދާޅުވި އެވެ. އަދި މި މަސައްކަތުގެ ސަބަބުން ކަރަންޓުގެ މައްސަލައަށް ޖުމްލަ ހައްލެއް ލިބޭނެ ކަމަށް ނިމާލް ތަކުރާރުކޮށް ވިދާޅުވި އެވެ. ފެނަކައިގެ އަމާޒަކީ މިފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ މެނިފެސްޓޯގައިވާ 24 ގަޑިއިރު ކަރަންޓުގެ ވައުދު ފުރިހަމަކުރުން ކަމަށްވެސް ނިމާލް ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މީޑިޔާ އޮފިސަރު ފާތިމަތު ރާޔާ ވިދާޅުވީ މި 77 ޖެނެރޭޓަރު 22 ދުވަހުގެ ތެރޭގައި އެރަށެއްގެ ކަރަންޓު ވިއުގައަށް ގުޅާލެވި ދެ މަސްދުވަހުގެ ތެރޭގައި ފުރިހަމައަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ