ގާސިމް އިބްރާހިމްގެ އަރިހަށް އެމެރިކާ ސަފީރު ވަދާއީ ޒިޔާރަތެއް ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އަރިހަށް އެމެރިކާ ‏‏ސަރުކާރުން ރާއްޖެއަށް ‏‏ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި އެމެރިކާއިން ރާއްޖެއަށް ‏‏ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި‏‎‎‏ ހުންނަވައިގެން ރާއްޖެއަށް ‏‏އެކި ގޮތްގޮތުން ދެއްވި ‏‏އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި ވަރަށް އިހްލާސްތެރިކަމާއެކު އެކަމަނާއަށް ވަނީ ޝުކުރު ‏‏‏އަދާކުރައްވާފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގައި ޖުމްހޫރީ ޕާޓީ އެކު ބެހެއްޓެވި ގާތްކަމާއި ރަހްމަތްތެރިކަން ފާހަގަކަ ކުރައްވާ އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ގުޅުން އިތުރަށް ބަދެހިވެގެން ދާނެކަން ޔަގީން ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި ‏އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ‏‏ސަފީރުގެ މަގާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ވަރަށް ‏‏ބޮޑު ޝަރަފަކާއި ފަޚުރެއްކަމުގައި ވިދާޅުވެ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރާއްޖެއާއި ‏‏އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ހާއްސަ ގޮތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ޖުމްހޫރީ ޕާޓީން ބެހެއްޓެވި ގާތްކަން ފާހަކަކުރައްވައި އެކަމަށްޓަކައި މިޝެލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރަކަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމަށް ޔަޤީން ކުރައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން މި ވަގުތު ރާއްޖޭގެ އާންމު ހާލަތާއި ސިޔާސީ މަސްރަހު ގެ ކަންކަން ހުރިގޮތާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ވިލާ ހައުސްގައި މިއަދު ހަވީރު އޮތް ‏‏‏މިބައްދަލުކުރެއްވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމް އާއި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ބައިވެރިވެ ވަޑައިގެންވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ