ކެމްޕޭން ދަތުރުތަކުގައި މައުމޫނު ބައިވެރިވެވަޑައިނުގަންނަވަނީ ޕާޓީގެ އެދުމުގެ މަތިން: ޕީޕީއެމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަށާއި ރަނިންމޭޓަށް ތާއިދު ހޯދުމަށް އެޕާޓީން ކުރަމުން ގެންދާ ކެމްޕޭން ދަތުރުތަކުގައި ރައީސް މައުމޫނު އަބުދުލް ގައްޔޫމު ބައިވެރިވެވަޑައިނުގަންނަވަނީ ޕާޓީގެ ލީޑަރޝިޕުގެ އެދުމުގެ މަތިން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ސީއެންއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޕާޓީގެ ނައިބު ރައީސް އަބުދުއްރަހީމު އަބުދުﷲ ވިދާޅުވީ، ރަމަޟާން މަހުގެ އެޕާޓިން ކުރަމުން ގެންދާ ދަތުރުތަކުގައި ބައިވެރިވެވަޑައިނުގެންނެވުމަށް ޕާޓީގެ ލީޑަރޝިޕުން ރައީސް މައުމޫނަށް ދެންނެވީ އެމަނިކުފާނުގެ އުމުރުފުޅުގެ ގޮތުންނާއި، އެމަނިކުފާނަކީ ރަމަޟާން މަހު އިޖުތިމާއީ އަދި ދީނީ ގިނަ ކަންތައްތަކެއް ކުރައްވާ ބޭފުޅަކަށްވާތީ ކަމަށެވެ.
"އެމަނިކުފާނުގެ އުމުރުފުޅަށާއި، އަދި ހާއްސަކޮށް ރަމަޟާން މަހު އިހްޔާ ކުރުމުގެ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާތީ، ލީޑަރޝިޕުން ދެންނެވީ ކެމްޕޭން ދަތުރުތަކުގައި ބައިވެރިވެވަޑައި ނުގެންނެވި ނަމަވެސް މައްސަލައެއް ނެތް ކަމަށް،" އަބުދުއްރަހީމު ވިދާޅުވިއެވެ.
އަބުދުއްރަހީމު ވިދާޅުވީ ރަމަޟާން މަސް ނިމުމާއި އެކު ކެމްޕޭން ދަތުރުތަކުގައި ރައީސް މައުމޫނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ދަތުރުފުޅުތައް ފައްޓަވާނީ އޮގަސްޓު މަހުގެ ނުވަވަނަ ދުވަހު ރ އަތޮޅުން ކަމަށް ވެސް އަބުދުއްރަހީމު ވިދާޅުވިއެވެ.
"އޮގަސްޓު ނުވައެއްގައި ރ އަތޮޅަށް ވަޑައިގަންނަވާނެ،އޮގަސްޓު 12 ގައި ށ އަށް އަދި 13 ގައި ނ އަތޮޅަށް ވަޑައިގަންނަވާނެ. 14 ވަނަ ދުވަހުގެ ރޭ ޅއަށް ވަޑައިގަންނަވާނެ އަދި 15 ވަނަ ދުވަހު އޭދަފުއްޓަށް ވަޑައިގަންނަވާނެ، އެއަށްފަހު 16 ވަނަ ދުވަހުގެ ރޭ ތުލުސްދޫއަށް ވަޑައިގަންނަވާނެ. 17 އަދި 18ގައި ހުންނަވާނީ މާލޭގައި ބާއްވާ އިވެންޓުތަކަކަށް މާލޭގައި. އެއަށްފަހު ދެކުނަށް ވަޑައިގަންނަވާނެ،" އަބުދުއްރަހީމު ވިދާޅުވިއެވެ.
ރަމަޟާން މަހު ޕީޕީއެމުން ކެމްޕޭންގެ ގިނަ ދަތުރުތަކެއް އަތޮޅުތެރެއަށް ކުރި ނަމަވެސް އެދަތުރުތަކުގައި ރައީސް މައުމޫނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. މެލޭޝިޔާގައި ހުންނެވުމަށްފަހު މާލެ ވަޑައިގެން ރައީސް މައުމޫނުވަނީ ކެންޑިޑޭޓަށާއި ރަނިންމޭޓަށް ތާއިދު ހޯއްދެވުމަށް އަމިއްލަފުޅަށް ދަތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރަމަޟާން މަހު އެޕާޓިގެ ފަރާތުން ކުރި ދަތުރުތަކުގައި ރައީސް މައުމޫނު ބައިވެރިވެވަޑައި ނުގަންނަވާތީ ބައެއް ފަރާތްތަކުންދަނީ ސުވާލު އުފައްދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ