ސަރުކާރު ދެމެހެއްޓުމަށް ޕީޕީއެމްގެ މެންބަރުން މަސައްކަތް ކޮށްދެއްވުމަށް މައުމޫން އެދިވަޑައިގެންފި

މިހާރު މިއޮތް ސަރުކާރު ދެމެހެއްޓުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމްގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިހާރު ދައުރު ހަމަވަމުންދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅުންނާ މިއަދު މެންދުރު ސީހައުސް ރެސްޓޯރަންޓުގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މިބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެންބަރުންނާއި ޕީޕީއެމްއާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންގެ ބުރަ މަސައްކަތުން ނިމިގެންދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި ކައުންސިލް އިންތިހާބުގެ އަޣުލަބިއްޔަތު ވެސް ސަރުކާރަށް ލިބިފައިވާ ކަމަށެވެ.
"އަދި ކުރިއަށް ކުރަން ހުރި މަސައްކަތްތަކަކީ އެހާމެ ޒިންމާ ބޮޑު އަދި ބުރަ މަސައްކަތްތަކެއް. މިހާރު އުފެދިފައިވާ މިވާ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޕާޓީގެ އެންމެހާ މެންބަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކައުންސިލަރުންނާއި އާންމު މެންބަރުންގެ އެހީތެރިކަން ވެސް ބޭނުންވާނެ. އަދި އެއްބާރުލުން ސަރުކާރަށް ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޕީޕީއެމް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ޕާޓީއަށް މެންބަރުން އިތުރުކޮށްގެން ކަމުގައި ވެސް ވިދާޅުވި އެވެ. އެގޮތުން ޕީޕީއެމަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"މެންބަރުން އިތުރުކުރުމަށް ޓާސްކް ފޯހެއް ވެސް އެކުލަވާލެވިފައި ވަނީ މިހާރު. ބައެއް ރަށްރަށުގައި މިހާރު ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" މައުމޫން ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުން ފެށުމުގެ ކުރިން ރައީސް މައުމޫން ވަނީ ޑރ. ފާތިން ހަމީދު ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި މިއަދަކީ ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަސް ކަަމަށްވާތީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ކުޑަ ކުދިންނަށް އެމަނިކުފާނު ފޮނުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ