ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ފުރުން މިއަދު ހަވީރު

ސައޫދީ އަރަބިއްޔާގެ މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން އިއްޔެ ފުރުން ލަސްވި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން މިއަދު ހަވީރު ފުރާގޮތަށް ހަމަޖެހިއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖަށް ނުފުރިފައި ތިބި މީހުން މިއަދު ހަވީރު ފަހެއް ޖަހާއިރު ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެމީހުން އިއްޔެ ފުރަން އޮތީ މެންދުރު ފަހު 3:30 ގަ އެވެ. އެކަމަކު، ސައުދީ އެއާލައިންގެ ކޮމްޕިއުޓާ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން މަތިންދާބޯޓު ޑިލޭވި ކަމަށްވެ އެވެ.
މިއަދު ފުރުމަށް ހަމަޖެހިފައިވާ 400 ހައްޖުވެރިންނަކީ ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް އިތުރަށް ދިން 1،000 ކޯޓާގެ ދަށުން، ފުރާ ބައެކެވެ.
ރާއްޖެއަށް ސައުދީ އަރަބިއްޔާއިން އާންމު ގޮތެއްގައި ދޫކުރަނީ 1،000 ކޯޓާ އެވެ. މި މަހު އިތުރަށް ލިބުނު 1،000 ކޯޓާގައި ފުރާ ގޮތަށް ހަމަޖެހިފައި ވަނީ 500 މީހުންނެވެ. އެއީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ފުރަން ހަމަޖެހިފައި އޮތް 400 މީހުންގެ އިތުރުން ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް އަދި އަލް ހަރަމައިން ހައްޖު ގްރޫޕުގެ ހަވާލުގައި ފުރާ 100 މީހުންނެވެ.
"މިހާރު" ން ވާހަކަ ދެއްކި ބައެއް ހައްޖު ގްރޫޕުތަކުން ބުނީ ފަހު ވަގުތު ކޯޓާ ހަމަޖެހުމުން މީހުން ގެންދިއުމުގައި ދަތިތައް އެބަހުރި ކަމަށެވެ. އެގޮތުން ހައްޖު މަހަށް ފަހު، ހައްޖުގެ އަޅުކަން ނިމެންދެން، ޖިއްދާ އަށް ދެވެނީ ހަމައެކަނި ސައުދީ އެއާލައިންސުން ކަމަށް ވާތީ މަތިންދާބޯޓުން ޖާގަ ލިބުމުގެ ދަތިތަކެއް ހުރި ކަމަށް ހައްޖު ޖަމާއަތްތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ