ވިލިމާލޭގައި އޮންނަ ކުޑަކުދިންގެ ހަވީރު މިއަދާއި މާދަމާވެސް ކުރިއަށްދާނެ

އީދާއި ގުޅިގެން ވިލިމާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު މިއަދާއި މާދަމާވެސް ކުރިއަށް ދާނެ ކަމަށް ޕީސްފައުންޑޭޝަނުން ބުނެފިއެވެ.
މިއީ ޕީސްފައުންޑޭޝަންގެ ފަރާތުން ބާއްވާ ހަރަކާތެކެވެ.
"ޕެބްލްސް ކުޑަކުދިންގެ ހަވީރު" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ މިއަދާއި މާދަމާގެ ހަވީރު ވިލިމާލެ  ބޯޅަދަނޑުގައި 16:00 އިން 18:00 އަށެވެ.
"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ޕީސްފައުންޑޭޝަންގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ސޮބާހް ވިދާޅުވީ މިއީ ކޮންމެ އަހަރެއްގެވެސް އީދާއި ދިމާކޮށް ޕީސް ފައުންޑޭޝަންގެ ފަރާތުން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށެވެ.
މި ކުޑަކުދިން ހަވީރުގެ މެއިން ސްޕޮންސާރއަކީ ހެޕީ މާކެޓްއެވެ. އަދި ކޯ ސްޕޮންސާ ކޮށްދީފައިވަނީ މޯލްޑިވިއަން، ވެމްކޯ، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސޮނީ ސްޕޯޓްސްއިންނެވެ.
"ކޮންމެ ކުއްޖަކުވެސް އެތަނަށް ގޮސް ކޫޕަނެއް ނަގަން ޖެހޭނީ. ދެން ކޮންމެ ގޭމެއްގެ ބައިވެރިވެފަ އެ ކޫޕަންގަ ސްޓޭންޕެއް ޖަހަން ޖެހޭނީ. އެ ސްޓޭންޕް ޖަހަމުން ދާ ވަރަކަށް އެ ކުދިންނަށް ހަދިޔާ ލެބެމުން ދާނީ. ގިނަ ކުޅިވަރުގައި ބައިވެރިވި ވަރަކަށް ގިނަ ހަދިޔާ ލިބެމުންދާނެ" ސޮބާހް ވިދާޅުވިއެވެ.
ޝޫޓް ކުރުމާއި ރޭސް ޖެހުމާއި އެ ނޫންވެސް ތަފާތު މަޖާ ކުޅިވަރުތަކުގައި ހިލޭ ބައިވެރިވެވޭ މި ކުޑަކުދިންގެ ހަވީރަށް ލިބެމުންދާ ސަޕޯޓް އެހެން އަހަރުތަކަށް ވުރެން ބޮޑުކަންވެސް ސޮބާހް ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ އަހަރުގެ އީދާއި ގުޅިގެން ބޭއްވި ކުޑަކުދިންގެ ހަވީރަށް ގާތްގަނޑަކަށް ހަހާހެއްހައި މީހުން އައިސްފައިވާ ކަމަށް ލަފާކޮށް ސޮބާހް ވިދާޅުވީ މިއަހަރުގެ މި ހަރަކާތަށް އެއަށްވުރެ ގިނަ މީހުން އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ