އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަންކުރުމަށް އެ ޕާޓީން ގޮވާލައިފި
ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ، އަަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ބަންދު ކޮށްފައިވަނީ ނުހައްގުން ކަމަށާއި، އިމްރާން މިނިވަންކޮށް ދޫކޮށްލުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި އެވެ. މިއަދު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ މިހާރުގެ ނައީބު ރައީސް އަލީ ޒާހިރް ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ނުހައްޤުން ބަންދު ކުރެވިފައި ވާތީ އެކަން ކުށްވެރި ކުރާ ކަމަށާއި އަދި އިމްރާން މިނިވަން ކުރުމަށްވެސް ގޮވާލާ ކަމަށެވެ. މިއަދާ ހަމައަށްވެސް އިމްރާންގެ ޝަރީއަތުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ނުވާކަމަށާއި އަދި އެއީ ނުހައްގުން އިމްރާނަށް ލިބެމުންދާ އަނިޔާކަން ފާހަގަކޮށް، އެހެނިހެން ސިޔާސީ ކުށްވެރިން ވެސް މިނިވަން ކޮށް ގައުމުގެ ހާލަތު މިއަށްވުރެ ރަނގަޅު އަދި އިދިކޮޅު ސިޔާސީ ވާދަވެރިކަން އޭގެ އެންމެ އެކަށީގެންވާ ގޮތުގައި އޮންނާނެ މަގު ތަނަވަސް ކުރުމަށްވެސް ޒާހިރު ސަރުކާރަށް ގޮވާލެއްވި އެވެ. " އަޅުގަނޑުމެންގެ ޕާޓީގެ ރައީސް މިވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި. އަދި މިއަދާ ހަމައަށްވެސް ޝަރީޢަތުގެ ކަންތައްތައްވެސް ކުރިއަށް ނުގޮސް. އަޅުގަނޑުމެން ދެކޭގޮތުގައި ނުހައްޤުން އެމަނިކުފާނަށް ލިބެމުންދާ އަނިޔާއެއް. އަދި މިބަންދަކީ އަޅުގަނޑުމެން ގަބޫލު ކުރަނީ ކަނޑައެޅިގެން ސިޔާސީ ބަންދެއް ގޮތުގައި. ސިޔާސީ ކުށްވެރިންނާއި މެދުގައި އަމަލުކުރެވެމުންދާ މިފަދަ ކަންތައްތައް ނިމުމަމަކަށް ގެނައުމަށް އަޅުގަނޑުމެން އަބަދުވެސް ގޮވާލަން،" އަލީ ޒާހިރު ވިދާޅުވި އެވެ. އަދާލަތު ޕާޓީއަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކަށްވެސް މިއަދުގެ ނިއުސް ކޮންފެރެންސްގައި ޒާހިރު އަލިއަޅުއްވާލެއްވި އެވެ. އެގޮތުން މިހާރު ޕާޓީއަށް ކުރިމަތިވެފައިވާ މެމްބަރޝިޕްގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޒާހިރު ވިދާޅުވީ، ގާނޫނަށް މިހާރު ގެނެވިފައިވާ އިސްލާހުން ނުވަތަ މާނަ ކުރުމުގައި ގެންގުޅޭ ހަމައަކުން، ބަޖެޓް ފާސް ކުރުމުގެ ކުރިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ސަރުކާރުން އެއްވެސް ގޮތަކަށް ފައިސާގެ އިނާޔަތެއް ނުދޭގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ މަޖިލިސް މެމްބަރު މެދުވެރިކޮށް މިކަމަށް އިސްލާހު ގެނައުމަށް މަޖިލީހަށް މިހާރު ހުށަހަޅާފައި ވާނެ ކަމަށާއި، އަދި މި އިސްލާހު ފާސްވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. އަދި މިކަމަށް އިސްލާހު ހުށަހަޅާފައި ވީކަމުގައި ވީނަމަވެސް، ޕާޓީގެ އަމާޒަކީ ބަޖެޓް ފާސްވުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުން ކަމަށްވެސް ޒާހިރު ވިދާޅުވި އެވެ. މިއަދުގެ ސިޔާސީ ހާލަތަށް ބަލާއިރު ކުއްލި ހާލަތު އިއުލާން ކުރެވިފައިވާތާ ދުވަސްތަކެއް ވެފައިވާކަމަށާއި ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ބައެއް އަސާސީ ހައްޤުތައް ހިފެހެއްޓިފައި ވާކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. އަދި ބައެއް ޤާނޫނު ތަކަށްވެސް އަމަލުކުރުން ހުއްޓިފައިވާ ކަމަށާއި މިކަމާއިމެދު އަދާލަތު ޕާޓީން ކަން ބޮޑުވާކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ