ދަރުމަވަންތަ ހޮސްޕިޓަލުގެ ހަގީގީ އަގު އެނގުނު ސިޓީ ލީކުކުރީ ސަރުކާރުން: ޝިޔާމް

ދަރުމަވަންތަ ހޮސްޕިޓަލުގެ ޙަޤީޤީ އަގު އެނގުނު ސިޓީ ލީކުކޮށްލީ ސީދާ ގަސްތުގައި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ބުނަމުންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލަކީ "ހޮހަޅައެއް" ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދުވެސް ވިދާޅުވީ އެއަށްވުރެ މާ އަގުހެޔޮކޮށް އެ ފެންވަރުގެ ހޮސްޕިޓަލެއް އެޅޭނެ ކަމަށެވެ. އަދި އެތަނުގެ ޙަޤީޤީ އަގަކީ 40 މިލިއަނެއްހައި ޑޮލަރު ކަމަށްވެސް އެއިރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ވިދާޅުވެއެވެ.
މި އަހަރުގެ ބަޖެޓު ޑެފިސިޓު ފޫބެއްދުމަށް އިސްލާމީ ޞުކޫކުގެ ގޮތުގައި 300 މިލިއަން ޑޮލަރު ހޯދަން ސަރުކާރުގެ ފަރާތުން ބޭނުންކުރާނެ މުދަލެއް ހޯދުމަށްޓަކައި، އެ މިންވަރުގެ ދެބައިކުޅަ އެއްބައަށްވުރެ އަގުހުރި މުދަލަކަށް މި ސަރުކާރަށް ފެނުނު މުދަލަކީ ދަރުމަވަންތަ ހޮސްޕިޓަލެވެ. އެހެންކަމުން އެ ހޮސްޕިޓަލުގެ އަގަކީ 150 މިލިއަނަށްވުރެ ބޮޑު މިންވަރެއްކަން އެނގެއެވެ.
މިކަން ހާމަވީ މި ޞުކޫކު ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓާ ބޭނުންކުރަން ނިންމައި، އެ ހޮސްޕިޓަލުގެ މިލްކުވެރިކަން ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ފޮނުއްވި ސިޓީއެއް ލީކުވުމުންނެވެ. އެ ސިޓީ ލީކުކޮށްލެއްވި ކަމުގައި ތުހުމަތުކޮށް ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ޙުސައިން ޝަރީފު ފުލުހަށް ހާޒިރުކުރަންވަނީ ފަށާފައެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝިޔާމު ވިދާޅުވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު އަގުކުރެއްވި ގޮތާއި ސަރުކާރުން އަގުކުރި ގޮތުގެ ތަފާތު އެނގުނު ސިޓީ ލީކުކޮށްލީ ސަރުކާރުން ކަމަށެވެ.
އަދި ދައުރަލަށް ފައިސާ ބޭނުންވެގެން އެ ހޮސްޕިޓާ ރަހުނުކުރަންޖެހުމުން މިނިސްޓަރު އަމީރު އެ ހޮސްޕިޓާ އަގުކުރެއްވީ ރައީސް ނަޝީދު އަދި އެމްޑީޕީން ކުރިން އަގުކުރި ގޮތަށް ނޫން ކަމުގައިވެސް ޝިޔާމު ފާހަގަކުރެއްވިއެވެ. އަދި އެ ޙަޤީޤަތް އެނގުނު ލިޔުން ސަރުކާރުން ލީކުކޮށްލުމަށްފަހު މުންދު ފުލުހަށް ހާޒިރުކުރަނީ ކީއްވެތޯވެސް ޝިޔާމު ސުވާލުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ