ފްލައިން ސްކޫލް މައްސަލަ: އަވަސް ހައްލެއް ހޯދައިދޭން ނައިބު ރައީސް އެދިވަޑައިގެންފި

ނައިބު ރައީސް ފައިޞަލް ނަސީމް، އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.
ނައިބު ރައީސް މިކަމަށް އެދިވަޑައިގަންނަވާފައި ވަނީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައި މިކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
‎މި ބައްދަލުކުރެއްވުމުގައި އެންމެ އިސްކަމެއްގެ ގޮތުން ވާހަކަ ދެކެވިފައި ވަނީ، އައްޑޫގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ބެހޭގޮތުންނެވެ.
އެގޮތުން މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރުން މީހުން ބިނާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްގެ ގޮތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެ މަރުކަޒުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކޯސް އަވަސް ފުރުޞަތެއްގައި ނިންމޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް ނައިބު ރައީސް ވާހަކަދެއްކެވިއެވެ.
‎މި މައްސަލައާމެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އެ މަރުކަޒުގައި ތަމްރީނު ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށާއި، އެ ކަމުގެ ސަބަބުން އެ ދަރިވަރުން ކުރަންޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާކަމުގައެވެ.
އެހެންކަމުން، މިއީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ހައްލު ބޭނުންވެފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާ، ނައިބު ރައީސް ވަނީ، އެ މަރުކަޒާއެކު މަޝްވަރާކޮށް، އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ކަމާގުޅޭ އިދާރާތަކުގައި އެދިވަޑައިގަންނަވާފައެވެ.
‎މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަޙުލާގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ