ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ޤައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ: އާދަމް ޝަރީފް އުމަރު

ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ޤައުމަކަށް ދިވެހި ރާއްޖެ ނުހިފޭނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވެފައިވަނީ އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ދާދިފަހުން ރޭޑިއޯ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވަމުން، ކުރެއްވި ޓްވީޓެއްގައެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އެ ޕްރޮގްރާމްގައި ފައްޔާޒް ވިދާޅުވީ އިންޑިއާއިން ދިވެހި ރާއްޖެ ހިފަން ބޭނުން ނަމަ އަދި އެގައުމުގެ ދަށުގައި އޮތް ތަނެއް ނަމަ މިހާރު އޮންނާނީ އެކަން ކޮށްފައި ކަމަށެވެ.
އެގޮތުން އިންޑިއާއިން ރާއްޖެ ހިފަން ދިމާކޮށްފި ނަމަ ދިވެހިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެ ހިފަން ބޭނުން ނަމަ ހުރިހާ ދިވެހިން މަރާލާފައި ނަމަވެސް އެކަން ކުރާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ފައްޔާޒްގެ މި ބަސްފުޅަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެބޭފުޅާ އާންމުންގެ ކިބައިން މައާފަށް އެދިވަޑައި ގަތުމަށްވެސް ދަނީ ގޮވާލަމުންނެވެ.
މިކަމާއި ގުޅިގެން އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ދިވެހިރާއްޖެ ނުހިފޭނެކަމަށެވެ. އަދި ހުރިހާ ދިވެހިން މަރާފައިވެސް އިންޑިއާއިން ބޭނުންވާ ނަމަ ރާއްޖެ ހިފާނެކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތްކަމަށް ދޭހަވާކަމެއްގެ ގޮތުގައި އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ