ތިނަދޫން ކަރަންޓް ކެނޑުނީ އިންޖީނުގޭގޭ ސަރކެޓެއްގެ މޮޑިއުލްއެއް ޙަލާކުވެގެން - ފެނަކަ

ގދ.ތިނަދޫ އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ ސަރކެޓެއްގެ މޮޑިއުލްއަކަށް ދިމާވި މައްސަލައަކުން އެރަށުން އެއްކޮށް ކަރަންޓު ކެނޑިއްޖެއެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތިނަދޫ އިންޖީނުގޭގައި ކަރަންޓު ކެނޑުނީ އަލިފާނުގެ ޙާދިސާއަކާއި ގުޅިގެން ނޫންކަމަށާއި އެއީ އިންޖީނަށް މައްސަލައެއް ދިމާވެގެން ހިނގި ކަމެއްވެސް ނޫންކަމަށެވެ. ކަރަންޓް ކެނޑެން މެދުވެރިވީ އިންޖީނުގޭގައި ބޭނުންކުރާ ސަރކެޓެއްގެ މޮޑިއުލްއަކަށް މައްސަލަ ދިމާވެގެންކަމަށާއި އެމައްސަލަ ޙައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސައީދު ވިދާޅުވިއެވެ. ފެނަކައިގެ އެމްޑީ ވިދާޅުވީ ފެނަކަ ޓީމުން މަސައްކަތްކުރީ 2 ގަޑިއެއްހާއިރު ތެރޭ އަލުން ކަރަންޓު ދިނުމަށް ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ނުވީ މޮޑިއުލްއަށް ދިމާވި މައްސަލަ ޙައްލުނުކުރެވުމުންކަމަށެވެ.
އަޑު: "އަޅުގަނޑުމެން އުއްމީދު ކުރީ ދެގަޑިއެއްހާއިރު ތެރޭ ކަރަންޓު ދެވޭނެކަމަށް. އެކަމަކު މޮޑިއުލް ހަލާކުވެގެން މިހާރު މަސައްކަތް މިކުރަނީ އެހެން ދިމާލަކުން މޮޑިއުލް ހެދުމަށް ބޭނުންވާ ސާމާނާއި ޓެނިކަލް ޓީމެއް ފޮނުވައިގެން މައްސަލަ ޙައްލުކުރުމަށް. މިއަދު ޙައްލުވާނެކަމަށް މިބަލަނީ."އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.
ގދ.ތިނަދޫން ކަރަންޓު ކެނޑިފައިވަނީ ރޭ މެންދަމު 3:15ގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ޢާއްމު ގޮތެއްގައި އޯވަރ ލޯޑްވެގެން ކަރަންޓު ކެނޑުނުނަމަވެސް މިފަހަރު އިންޖީނަށް މައްސަލަ ކުރިމަތިނުވާ ކަމަށް ފެނަކައިން ވިދާޅުވެއެވެ.
2016 ވަނަ އަހަރު ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އިންޖީނުގެ އެއްކޮށް އަނދާހުލިވެ މުޅި ރަށުން ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް އެފަހަރުވަނީ ކަރަންޓު ކެނޑިފައެވެ. އެފަހަރުގެ މައްސަލަ ޙައްލުކުރުމަށް ތިނަދޫއަށްވަނީ 2 ޖަނެރޭޓަރު ގެންގޮސްފައެވެ. އެހެންނަމަވެސް ތިނަދޫގައި އޯވަރ ލޯޑުވާ ގަޑިތަކުގައި އަދިވެސް ކަރަންޓު ކެނޑޭކަމަށް ތިނަދޫގެ ރައްޔިތުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ