ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމަގެއްގައި ހުރެ، އެއްބަނޑު ދެ ކުދިންނާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދެ ދައުވާއެއް އުފުލާފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުއްޓާ ބަންދު މުރާޖައާގެ ދަށުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ރަނގަޅު ކަމަށް ހައިކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.
އެ ދެކުދީންނާ މެދު، އެކުދިން ދިރިއުޅުނު ވެށީގައި ތަކުރާރުކޮށް ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން އެ މީހާ ބަންދު ކުރުމަށް 26 މޭ 2021 ގައި ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. އޭނާގެ ފަރާތުން ބަންދު މުރާޖައާ ކުރުމަށް 7 ޑިސެންބަރު 2023 ގައި ހުށަހެޅުމުން ކްރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ބާތިލްކޮށް، ޝަރުތުކޮށްފައި ބަންދުން ދޫކޮށްލިއެވެ.
ދައުލަތުގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މައްސަލައިގެ ހާލަތު ބަދަލުވެގެން ކަމަށް ބުނިނަމަވެސް، ބަދަލުވީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާ ގުޅޭ ހާލަތު ކަމެއް ނުވަތަ ބަންދުގައި ބަހައްޓަންޖެހޭ ސަބަބުގެ ހާލަތު ކަމެއް ސާފުނުވާ ކަމަށެވެ.
މިކަމާ ގުޅިގެން ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމުގައެވެ. އެއީ ބަންދުގެ ހާލަތު ބަދަލުވި ގޮތް ނިންމުގައި ރަނގަޅަށް ބަޔާންކޮށްފައިވާތީ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެއެވެ.
ހައި ކޯޓުގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައިގައި ދައުލަތުން ކުރި މައިގަނޑު ޝަކުވާއަކީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މިހާގެ މައްޗަށް ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުއްޓައި، އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުން ލާޒިމުވާ ހާލަތްތަކުން ދެ ހާލަތެއް ވުޖޫދުގައި ވަނިކޮށް، އެކަމަށް ރިއާޔަތްނުކޮށް، ބަންދުކުރުމާއި ދޫކޮށްލުމާބެހޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއިދުކޮށްފައި އޮތުމެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމެވީ ކްރިމިނަލް ކޯޓާއި ހައިކޯޓުން ނެރެފައިވާ އަމުރުތައް ބާތިލުކޮށް، ދައުވާލިބޭ ފަރާތަކީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖޭ މީހެއްކަން ނުވަތަ ނޫންކަން، ސުޕްރީމް ކޯޓުން ކަނޑަައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް 15 މެއި 2024 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅަންދެން، އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށެވެ.
އެއްބަނޑު ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މީހާ ދޫކޮށްލީ ގޯސްކޮށް: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ