މޫސުން ބެލުމާއި ފޯކާސްޓްކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރާނަން: ޠާރިޤު

ރާއްޖޭގެ މޫސުން ބެލެމާއި، ފޯކާސްޓްކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރައްވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އިއްޔެ ގްރޭޓަރ މާލޭ ސަރަޙައްދަށް ރިކޯޑް މިންވަރަކަށް ވާރޭވެހިފައިވާތީ، އެކަމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އާދަޔާ ޚިލާފަށް މޫސުން ގޯސްވެ، މިފަދަ ކަންކަން ހިނގާކަމީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ވަޒަންކޮށްދޭ ކަމެއްކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މޫސުން ބެލުމާއި، ވެދަރ ފޯކާސްޓް ނުވަތަ މޫސުން ކުރިއަށް ލަފާކުރާގޮތް ބެލެހެއްޓޭނެ ޤާބިލުކަން މިހާރަށްވުރެ އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤައުމީ ތަރައްޤީގެ ޕްލޭންތައް ހެދޭއިރުވެސް މޫސުމީ ބަދަލުތަކާއި އެކަމުގެ ނުރައްކަލަށް ރިޢާޔަތްކުރެވިގެން ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތައް ބައްޓަންކޮށް، ކާރިސާތަކުގައި އިޖާބަދިނުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާގެ ރިކޯޑްތައް ދައްކާގޮތުން އިއްޔެއަކީ، އެ އިދާރާގެ ތާރީޚުގައިވެސް ހުޅުލެއަށް އެންމެ ބޯކޮށް ވާރޭވެހުންކަމަށް ރިކޯޑް ކުރެވުނު ދުވަހެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މުޅި މާލޭގައި އިއްޔެވަނީ ފެންބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ