އުފައްދާނީ، މި ސަރުކާރަށް ވުރެ 30 އިންސައްތަ ލުއި ސަރުކާރެއް: އުމަރު

ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ، އަދުގެ ސަރުކާރަށް ވުރެ 30 އިންސައްތަ ލުއި ސަރުކާރެއް ގެނެސްދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ. "އާ މިސްރާބަކަށް" މި ނަމުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވީ، ސަރުކާރު މާ ބޮޑަށް ބުރަހެލިވެއްޖެ ކަމަށާއި، ދައުލަތަށް ނުކަތާ ވަރަށް މުއައްސަސާތަކާއި މަގާމުތައް އުފައްދާފައިވާ ކަމަށެވެ. ހަމައެއާއެކު، ފާއިތުވި 15 އަހަރު ފަސް ބޭފުޅަކު ރާއްޖޭގައި ވެރިކަން ކުރެއްވި ނަމަވެސް، ގައުމަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ގެނެވިފައިނުވާ ކަމަށާއި، އެހެންކަމުން މިއަދު ކޮންމެހެންވެސް އާ މިސްރާބަކަށް ދިއުމަށް މަޖުބޫރު ވެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައުމުގެ ރައްޔިތުން އިންތިޒާރު ކުރަމުން ދަނީ އިސްލާމީ ޝަރީއަތުގައި ހިފާނެ، މިނިވަންކަން ދިފާއު ކުރާނެ، އަމިއްލަވަންތަކަން ދިފާއުކުރާނެ ހީވާގި އަމާނާތްތެރި ވެރިއަކަށް ކަމަށެވެ. ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ކިޔައިދޭނެ އިތުރު ވާހަކައެއް، ދައްކާނެ އިޝްތިހާރެއް ނެތް ކަމަށާއި، ގައުމުގައި ވެރިކަން ކުރި ދެ ޕާޓީވެސް ފެއިލް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހި ސަރުކާރު މާ ބޮޑު ވެއްޖެ މިހާރު. މުއައްސަސާތައް މާ ގިނަ ވެއްޖެ، ބަރުހެލިވެއްޖެ. އޭގެ ސަބަބުން ޓެކްސްތައް އިރުއިރުކޮޅުން މައްޗަށް އަރައިގެން މިދަނީ. އަޅުގަނޑު ދިވެހި ސަރުކާރު ކުޑަކުރާނަން، ދިވެހި ދައުލަތް ކުޑަކުރާނަން 30 ޕަސެންޓް. އެކަން ކުޑަކުރުމަށްޓަކައި ބައެއް މުއައްސަސާތަައް އެއްކޮށްލާނަން. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު "އާ މިސްރާބަކަށް" މި ނަމުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގެ ތެރެއިން / ސަން ފޮޓޯ: މުހައްމަދު ޝާތިއު އުމަރު ވިދާޅުވީ ދައުލަތެއް ކޮންމެހެން ބޮޑުވެ ބަރުހެލިވާން ނުޖެހޭ ކަމަށާއި، ޓެކްސްތައް ކުޑަ ކުރެވޭނީ ސަރުކާރަކީ ލުއި ސަރުކާރަކަށް ވެގެން ކަމަށެވެ. އޭނާ ވިދާޅުވީ، މުސްލިމް ގައުމެއްގައި ކޮށްގެން ނުވާނެ އެތައް ކަމެއް ފާޅުކަން ބޮޑު ގޮތެއްގައި މިހާރު ރާއްޖޭގައި ކުރަމުންދާ ކަމަށާއި، އެ މައްސަލަތަކާ ގުޅުވައިގެން އެއްވެސް އިދާރާއަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު މިހާރު މިއޮތް ގޮތުގައި ކުރިއަށް ދާ ނަމަ މިނިވަންކަން ގެއްލި، އަމިއްލަވަންތަކަން ގެއްލި މިސްރާބު ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އުމަރު ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަށިވިއްކުމުގެ މައްސަލަތަކާއި، ކޮރަޕްޝަންގެ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރަށް މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮވެ، ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމަށް ގާނޫނު އަސާސީ ބޭނުން ގޮތަކަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް ވީ އެއްވެސް ކަމެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށެވެ. "އާ މިސްރާބަކަށް" މި ނަމުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގެ ތެރެއިން / ސަން ފޮޓޯ: މުހައްމަދު ޝާތިއު އެހެންވެ އަޅުގަނޑު މި ދަންނަވަނީ ދިވެހިރާއްޖެ މިހާރު ދަތުރުކުރާ މިސްރާބު ބަދަލުކޮށް އަޅުގަނޑާއެކު މުޅިން އާ މިސްރާބަކަށް ހިންގަވާށޭ. އަދިވެސް ސިޔާސީ ޕާޓީތަކަށް ތިބޭފުޅުންނަށް ވޯޓު ދީގެން ނަގައިގަތް ކަތީބުން އަނބުރައި ގެނެވިދާނެއޭ. އެކަމު ޖެހޭނީ ހަމަ އެއްތާކު. ހުސްވާނީ ތިޖޫރީ. ގެއްލޭނީ އަހުލާގު. ދަރަނި އިތުރުވެގެންދާނީ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ގިނަ ސިޔާސީ ލީޑަރުން ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މިހާރު ވެރިކަމުގައި އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބުކުރައްވާފައިވާއިރު، އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އެޕާޓީގެ ރައީސް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މި މަހު ބާއްވަން ތައްޔާރުވަމުން އަންނަ އިރު އެޕާޓީގެ ފަރާތުން ކުރިމަތިލައްވާނެ ކަމަށް ބެލެވެނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ނަމަވެސް އިދިކޮޅުން ބުނާގޮތުގައި އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ