ރައްޔިތުން އަތުން އިތުރަށް ޓެކްސް ނަގަން ފާސްކޮށްފި

އާއްމު ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނަގަން ސަރުކާރުން ހުށަހެޅި ގޮތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.ޤާނޫނަށް އަންނަ ބަދަލުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.ސަރުކާރުން ޓެކްސް ބޮޑު ކުރާ ސަބަބެއްގެ ގޮތުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ހަރަދު، ދައުލަތަށް ލިބޭ އާމްދަނީން ހަމަޖެއްސުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކަމަށެވެ.ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ދެ ދުވަހުގެ ޖަލްސާގައި ވޯޓަށް ނޭހުމުން މަޖިލީހުގެ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ އެކަމުގައި ރިޔާސަތަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އިއްޔެގެ ޖަލްސާއަށްފަހު މެމްބަރުން ވަނީ ރައީސް ނަޝީދު މަޖިލިސް ގަވައިދާ ހިލާފަށް ގެންދަވާކަމަށްބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް މުލިއާގެއަށްވެސް ގޮސްފައެވެ.އެ މައްސަލަ ހޫނުވެ، މަޖިލީހުގެ ރައީސްކަމުން ނަޝީދު ދުރުކުރުމަށް އެ ޕާޓީގެ ބައެއް މެމްބަރުން މަސައްކަތް ކުރަން ފަށާފައިވާއިރު، މިއަދުގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އަހާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.އެ ބިލު ފާސްކުރަން ވޯޓަށް އަހަން ތައްޔާރުވިއިރު ވެސް ބައެއް މެމްބަރުން ދުންމާރިފުމެ އަޑުގަދަކުރި އެވެ.ނަމަވެސް، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ. މިއަދުގެ މަޖިލީހަށް 81 މެންބަރުން ވަޑައިގެންނެވިއެވެ. އެ ބިލު ފާސްވުމަށްފަހު، ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް މި ބިލަށް މަޖިލީހުން ލިބުނު "ހަނި" ތާއީދާމެދު ސަރުކާރުން ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ