ޓްރަމްޕުގެ މައްޗަށް ރޭޕްގެ ދައުވާއެއް އުފުލައިފި

ލިޔުންތެރިޔާ އީ ޖީން ކެރޮލް ގަދަކަމުން ރޭޕް ކުރި ކަމުގެ ތުހުމަތު ކޮށް އެމެރިކަގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދައުވާ ކޮށްފިއެވެ.
އުމުރުން 78 އަހަރުގެ ކެރޮލް، ޓްރަމްޕަށް ދައުވާ ކުރީ، އިއްޔެ އަމަލު ކުރަން ފެށި އެޑަލްޓް ސަވައިވާސް އެކްޓްގެ ދަށުންނެވެ. މިއީ މިބާވަތުގެ ދައުވާއެއް އެގާނޫނުގެ ދަށުން އުފުލި ފުރަތަމަ ފަހަރު ކަމަށް ހަބަރުތައް ބުނެއެވެ.
މި ގާނޫނޫގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އެފަދަ ދައުވާ ކުރަން، ކޮންމެ މީހަކަށްވެސް 1 އަހަރު ދުވަހުގެ މުއްދަތެއް ލިބެއެވެ.
މި ތުހުމަތުތަކަށް ޓްރަމްޕް އިންކާރު ކުރައްވާފައި ވާ އިރު ކެރޮލް ބުނެފައި ވަނީ ޓްރަމްޕް އޭނާ ރޭޕް ކުރީ ޑިޕާޓްމަންޓް ސްޓޯރެއްގެ ޗޭންޖިން ރޫމުގައި މީގެ 27 އަހަރު ކުރިން ކަމަށެވެ.
މިއީ 2019 ވަނަ އަހަރު ނިއުޔޯކުގައި 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ތައާރަފު ކުރި ޗައިލްޑް އެބިއުސް އެކްޓް އާ ގުޅޭ ބޮޑެތި މީހުންނަށް ތައާރަފު ކުރި ގާނޫނެކެވެ.
ޗައިލްޑް އެބިއުސް އެކްޓް ތައާރަފް ކުރި ފަހުން މިހާތަނަށް 11،000 މައްސަލައެއް ޗާޗްތަކާއި، ހޮސްޕިޓަލް ތަކާއި ސްކޫލު ތަކުގެ އިތުރުން ކޭމްޕް ތަކަށް ކުދިން ގޮސް އުޅުމުގައި ހިނގާފައިވާ ކަންކަމާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައި ވާ ކަމަށް އިދާރާތަކުން ބުނެއެވެ.
ކެރޮލް ވަނީ ޓްރަމްޕާ ދެކޮޅަށް ދޮގު ހެދިކަމުގެ ދައުވާއެއް ކޮށްފައެވެ. އެ ދައުވާ އަކީ، ޓްރަމްޕް އޭނާ ރޭޕް ކުރި ވާހަކަ 2019 ވަނަ އަހަރު ހާމަ ކުރުމުން، އޭނާ ދޮގު ހަދަނީ ކަމަށް ޓްރަމްޕް ވިދާޅުވި މައްސަލައެކެވެ.
މި ގާނޫނުގެ ދަށުން ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރި އަންހެނުންގެ ހާއްސަ ޑޮކްޓަރަކު، އެތައް ބަޔަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކޮށް ދައުވާ އުފުލުމަށްވެސް ބަޔަކު ތައްޔާރުވަމުން ދާ ކަމަށް ބުނެއެވެ.
ރޮބާޓް ހެޑެން ނަމަކަށް ކިޔާ ގައިނޮކޮލޮޖިސްޓް، އެތައް އަންހެނުންނަކަށް ޖިންސީ ގޯނާ ކޮށްފައި ވާ ކަމުގެ ހަބަރުތައް މީގެ ކުރިންވެސް ފެތުރުނެވެ. އަދި 2016 ވަނަ އަހަރު އެ ތުހުމަތުތަކުގައި އޭނާގެ މައްޗަށް ދައުވާއެއް ކުރިނަމަވެސް އެކަން ސާބިތުވެފައެއް ނުވެއެވެ.
ގާނޫނީ ދާއިރާގެ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި، ބިރާއި ޓްރައުމާގެ ސަބަބުން މީގެ ކުރިން ނުކުންނަށް ނުކެރި ތިބި އެތައް ބަޔަކަށް މި ގާނޫނުގެ ސަބަބުން ހިތްވަރެއް ލިބިގެން ދާނެއެވެ.
މި އާ ގާނޫނު ވުޖޫދުވެގެން މިއައި ދަނޑިވަޅަކީ، އެމެރިކާ އާއި އެތައް ގައުމެއްގައި "މީޓޫމޫވްމަންޓް" ހިންގާ އެތައްބަޔަކަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށް ކެމްޕެއިންތަކެއްވެސް ހިންގާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ