މެޓުން ލަފާކުރާ ގޮތުން މިއަދުގެ މޫސުން ގޯސް، ސަމާލުވުމަށް އެދޭ

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އެދިއްޖެއެވެ.
"ވީނިއުސް"އަށް މައުލޫމާތު ދެއްވަމުން، އެ އޮފީހުގެ މީޓްރޮލިޖިސްޓަކު ވިދާޅުވީ ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް ވައިގަދަ ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މިއަދު އެންމެ މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުކޮށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެއަތޮޅުތަކަށް ވައިގެ ބާރުމިން ހުންނާނީ ހުޅަނގު އުތުރުން 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުން އެކަށީގެން ވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭއިރު، އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނުން 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވުން އެކަށީގެން ވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ސަމާލުވުމަށް އެދި މޫސުމީ ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ.
ސަމާލު ނެރެފައިވާ ގަޑިތަކުގައި ވައި ބާރުވެ ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ކަނޑުދަތުރުފަތުރުކުރައްވާ ނަމަ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމީ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ