ހާލަންޑް ސިޓީގައި 2034 އަށް މަޑުކުރަން ނިންމާ އާ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅޭ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް އެ ޓީމުގައި 2034ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާ އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސިޓީއާއެކު ހާލަންޑް ކުރިން ހަދާފައިވި އެއްބަސްވުން ހަމަވާން އޮތީ 2027 ވަނަ އަހަރަށެވެ. ނަމަވެސް މިއާ އެއްބަސްވުމުގެ ދަށުން އޭނާ މިވަނީ އިތުރު ނުވަ އަހަރާއި ހަ މަސް ދުވަހު އެކްލަބްގައި މަޑުކުރަން އެއްބަސްވެފައެވެ. އަދި އޭނާ މި މުއްދަތު އެކްލަބްގައި ހޭދަކޮށްފި ނަމަ އޭނާގެ އެއްބަސްވުން ހަމަވާއިރު އޭނާގެ އުމުރުން ހުންނާނީ 34 އަހަރު ވެފައެވެ. 2022 ވަނަ އަހަރު ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް އިން ސިޓީއަށް ބަދަލުވި ހާލަންޑްވަނީ މިހާތަނަށް ކުޅުނު 126 މެޗުގައި 111 ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ އިންގްލިޝް ޕްރިމިއާ ޅިގުގެ ތާރީހްގައި މިހާތަނަށް ކުޅުންތެރިއަކު ސޮއިކުރި އެންމެ ދިގު މުއްދަތުގެ އެއްބަސްވުމެވެ. މީގެކުރިން އެންމެ ދިގު އެއްބަސްވުމަކަށް ވެފައިވީ ސިޓީއިން ޗެލްސީއަށް ނުވަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮއިކުރި ކޯލް ޕާމާގެ އެއްބަސްވުމެވެ. މިއާ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ހާލަންޑްވަނީ ސިޓީ ކަހަލަ ވަރުގަދަ ކްލަބެއްގައި ގިނަ ދުވަހު ހުރުމަށް ޓަކައި އާ އެއްބަސްވުމެއްގައި ސޮއި ކުރެވުނިތީ ވަރަށް އުފާ ކުރާ ކަން ހާމަކޮށްފައެވެ. އޭނާ ހާމަކުރި ގޮތުގައި ސިޓީ އަކީ ހާއްސަ ކްލަބެއް ކަމަށާއި ސަޕޯޓަރުން ފެށިގެން ގޮސް މަސައްކަތް ކުރާ މާހައުލަށް ބަލާއިރު މިއީ ކޮންމެ ކުޅުންތެރިއެއްގެ ފަރާތުން އެންމެ މޮޅު ކުޅުން ނެރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. މީގެ އިތުރުން ހާލަންޑް ވަނީ ސިޓިގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އޭނާގެ ކޯޗިން ސްޓާފުންނާއި އެ ކްލަބްގެ ހުރިހާ ފަރާތްކަތަކަށް ޝުކުރު އަދާކޮށްފައެވެ. ސިޓީއިން ހާމަކުރިގޮތުގައި އެ ކްލަބުން ހާލަންޑާއެކު މިހާ ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރުން ދައްކުވާދެނީ ކްލަބުން ހާލަންޑަށް ދޭ ސަމާލުކަމުގެ އިތުރުން ހާލަންޑްގެ ހިތުގައި ސިޓީއަށް އޮތް ލޯބި ކަމަށެވެ. ހާލަންޑް މިއާ އެއްބަސްވުމުގައި ސޮއި ކޮށްފައިމިވަނީ ޕެޕް އެކްލަބްގައި އިތުރު ދެ އަހަރު މަޑު ކުރަންނިންމާ އެއްބަސްވުން އާކުރިތާ ދެ މަސް ފަހުންނެވެ. ހާލަންޑް ސިޓީގައި މިހާރު ހޭދަކޮށްފައިވާ ދެ ސީޒަންގައި މިހާތަނަށް ވަނީ ޕްރިމިއާ ލީގުގެ ތަށި ދެ ފަހަރު ކާމިޔާބުކޮށް، އެފް އޭ ކަަޕްގެ ތަށީގެ އިތުރުން ޗެމްޕިއަންސް ލީގާއި ސުޕާ ކަޕް ކާމިޔާބު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ