ފޮރެސްޓް ކައިރިން ލިވަޕޫލަށް އަނެއްކާވެސް ސަލާމަތެއް ނުވެވުނު

އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގާ އުޅޭ ލިވަޕޫލް އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ފޮރެސްޓް ވެފައިވަނީ މި ސީޒަންގައި ޕްރިމިއާ މިހާތަނަށް ލިވަޕޫލް ބަލިކުރި ހަމައެކަނި ޓީމަކަށެވެ. އެހެން ކަމުން މި މެޗަށް ލިވަޕޫލް ނިކުތީ ވެސް އެކަން ހަނދާނުގައި ބަހައްޓައިގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ ފޮރެސްޓްގެއެވެ. އަދި މިކަމުގެ ފައިދާ ނަގާ ފޮރެސްޓް އިން ވަނީ މެޗުގެ އަށްވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާ ލިވަޕޫލް ސިއްސުވާލައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެންތަނީ އެލާންގާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކްރިސް ވުޑްއެވެ. މިއީ މި ސީޒަންގައި ލިވަޕޫލްގެ މައްޗަށް ލީގު ޑަބަލްއެއް ހެދުމުގެ އިތުރުން 1922 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތް މެޗުން ލީގުގައި މޮޅުވުމަށް މަސައްކަތް ކުރަމުންދިޔަ ފޮރެސްޓަށް ވަރަށް ރަނގަޅު ފެށުމަކަށް ވެގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފޮރެސްޓްގެ ވަރުގަދަ ބެލިފައިވި ޑިފެންސްއިން ލިވަޕޫލްގެ ހަމަލާތައް ދިފާއު ކުރަމުންދިއުމެވެ. ފުރަތަމަ ހާފުގައި ތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފަށް ލިވަޕޫލް އިން ނިކުތީ ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި މެޗުން ނަތީޖާއެއް ނެރުމުގެ އުންމީދާއެކުގައެވެ. އަދި މިގޮތުން މި ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑެއް ނުޖެހު ގިނައިރު ވާން ފެށުމާއެކު ލިވަޕޫލްގެ ކޯޗު އާން ސްލޮޓްއަށް ޖެހުނީ ޓީމަށް ބަދަލު ތަކެއް ގެއްނާށެވެ. ނަތީޖާ އަކަށް ވެގެންދިޔައީ އެންޑްރޫ ރޮބަޓްސަން އާއި އިބްރާހިމާ ކޮނާޓޭގެ ބަދަލުގައި ކުޅެން އެރި ކޮސްޓާސް ސިމިކާސް ޑިއޮގޯ ޖޮޓާ ގުޅިގެން އުފެއްދި ހަމަލާއެއްގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖަހާދީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. ސިމިކާސް ނަގައިދިން ކޯނަރެއްގައި ޖޮޓާ 66 ވަނަ މިނެޓުގައި ލަނޑު ޖަހައިދިން އިރު މިދެ ކުޅުންތެރިން ކުޅެން އެރުވިތާ އޭރު 22 ސިކުންތެވެ. މި މެޗުގައި ޖޮޓާއަށް މީގެ އިތުރުން މެޗުން ލިވަޕޫލް މޮޅު ކޮށްދޭނެ ރަނގަޅު ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. އަދި މުހަންމަދު ސަލާހް އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މެޗުގެ ފަހު ކޮޅު ލިބިގެންދިޔައެވެ. ނަމަވެސް ފޮރެސްޓްގެ ޑިފެންސްގެ ހުށިޔާރު ކަމާއެކު އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗު އެއްވަރު ވުމުން ލިވަޕޫލް މިހާރު އުޅެނީ 47 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ފޮރެސްޓްވަނީ 41 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ