ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މަގާމުން ވަކިކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ ތަހުގީގަށް 15 މަސް ދުވަސް ވެފައިވާއިރު، އެ މައްސަލަ އަދިވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދާ ގުޅޭ ގޮތުން ހިނގަމުންދާ ތަހުގީގެކެވެ.
އޭސީސީގެ އޮފިޝަލަކު ”ސަންގު“އަށް ވިދާޅުވީ، މިއީ އަދިވެސް ހިނގަމުންދާ ތަހުގީގަކަށް ވާތީ، މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް، ކޮމިޝަނުގެ އިންވެސްޓީގޭޝަން ޑިޕާޓްމެންޓުން މި މައްސަލަ ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށާއި، މިއީ ބޮޑު މައްސަލައަކަށް ވާތީ ހާއްސަ އިސްކަމެއް ދޭ ކަމަށް އޭސީސީން ބުނެފައިވެއެވެ. އެހެންނަމަވެސް، ތަހުގީގު އެއްކޮށް ނިމޭނެ ތާރީޚެއް ބުނަން ދަތި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޑރ. އަޒްމިރާލްދާ ޒާހިރުގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، 2025 ވަނަ އަހަރުގެ މާޗު މަހު ތަހުގީގާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ސިޓީއެއް ހުށަހެޅި ނަމަވެސް، އޭސީސީން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި އޭގެ ފަހުން ވެސް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ، މަހާޒް އަދި ސުއޫދު ސަސްޕެންޑު ކުރީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ގައެވެ. އޭގެ ފަހުން ސުއޫދު އިސްތިއުފާ ދެއްވިއިރު، އަޒްމިރާލްދާއާއި މަހާޒު މަގާމުން ވަކިކުރީ 2025 މެއި 14 ގައެވެ. މި ބޭފުޅުން ވަކިކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލަން ނިންމާފައި ވަނިކޮށެވެ.
މި މައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ބަޔާންތައް އޭސީސީއަށް ފޮނުވީ އެ ބޭފުޅުން ވަކިކުރިތާ ހަ މަސް ފަހުންނެވެ. ޑރ. އަޒްމިރާލްދާ ކުރިން ތުހުމަތު ކުރައްވާފައިވާ ގޮތުގައި، އޭސީސީން މި މައްސަލަ ބަލަން ފެށީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްގެ މަގާމު ދިފާއު ކުރުމުގެ ބޭނުމުގައެވެ.
މި މައްސަލައަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކަށް ނުފޫޒުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ، ހައްސާސް މައްސަލައެކެވެ. ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމި އިރު، އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ މިހާރުގެ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކެވެ.
ތިން ފަނޑިޔާރުން ވަކިކުރިތާ 15 މަސް: އޭސީސީން ބުނީ ތަހުގީގު ބާރުސްޕީޑުގައި ކުރިއަށް ދާ ކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ