ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަ އަގު މިއަދުން ފެށިގެން 18.50ރ. ބޮޑުކުރަން ނިންމައިފި އެވެ.
މިފްކޯއިން މި ބަދަލު ގެނައިއިރު، މިއީ އިރާނު ހަނގުރާމަ ފެށުމުގެކުރިން އެ ކުންފުނިން މަސް ގަންނަމުން އައި އަގެވެ. އެ ހަނގުރާމަ ފެށުމާ ގުޅިގެން ކަނޑުމަސް (ކަޅުބިލަމަސް) ގަންނަ އަގު 17ރ. ތިރިކުރި އެވެ.
ކަނޑުމަސް ގަންނަ އަގު ތިރިކުރި ސަބަބެއް ކަމަށް މިފްކޯއިން އޭރު ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން، ހިންގުމުގެ ހަރަދާއި ވިޔަފާރިކުރުމުގެ ހަރަދު ބޮޑުވެ، ކުންފުނީގެ އޮޕަރޭޝަނަށް ނޭދެވޭ އަސަރު ކުރާތީ ކަމަށެވެ.
މިފްކޯއިން މަސް ގަންނަ އަގު 18.50ރ. އަށް ބޮޑުކުރިއިރު، އެ ކުންފުނިން ވަނީ 16ރ. އަށް ކިލޯއެއް މަގުން އެ ކުންފުންޏަށް ގަންނަނީ ގެއްލުމުގައި ކަމަށް ސެޕްޓެމްބަރު 2024، ގައި ބުނެފަ އެވެ. އެ ދުވަސްވަރާ އަޅާ ބަލާއިރު ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަކަށް ފާހަގަކުރެވޭ ވަރުގެ ބޮޑު އިތުރުވުމެއް ނާދެ އެވެ.
މިފްކޯއިން ބުނީ ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެނަމަ މަސް ކިލޯއެއް ގަންނަ އަގު ދަށް ކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ ކަމަށް. އަދި މި ދަނޑިވަޅުގައި މަސް ގަންނަ އަގަށް ބަދަލެއް ގެނައުމަކީ ވެސް ދެމެހެއްޓެނިވި ކަމަކަށް ނުވާނެ ކަމަށް.
މިފްކޯއިން ބުނި ގޮތުގައި 16ރ. އަށް މަސް ގަންނަން ވެސް ސަރުކާރުން ސަބްސިޑީ ބޭނުންވެ އެވެ.
މިފްކޯއިން މަހުގެ އަގު ދަށް ކުރި އަހަރުގައި ވެސް ލިބުނީ ގެއްލުމެވެ. ނަމަވެސް އެ އަހަރަކީ މަހުގެ އަގު ދަށް ކުރުމުގެ އިތުރުން، ފަހުގެ ތާރީހެއްގައި އެންމެ މަސްވެރިކަން ދަށްވީ އަހަރެވެ.
އެ އަހަރު މަސްވެރިކަން ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި، މަސްވެރިންނަށް ނުދީ ހުރި ފައިސާ ގިނަވެ ބައެއް ދޯނި ފަހަރުން މަހަށް ދިޔުން ހުއްޓާލުން ވެސް ހިމެނެ އެވެ.
ނަމަވެސް އެ މައްސަލައިގެ ފަހުން ސަރުކާރުން ވަނީ އެކަން މައްސަލަ ހައްލުކޮށް، މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބޭ މައްސަލައަށް ބީއެމްއެލް ބައިވެރިކޮށްގެން ހައްލެއް ހޯދާފަ އެވެ.
މިފްކޯއަށް ކަނޑުމަސް ގަންނަ އަގު 18.50ރ. އަށް މަތިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ